ދުނިޔެ

އިންޑޯ ޕެސިފިކަށް ނޭޓޯ ފުޅާކުރުމާ އޭޝިއާ ގައުމުތަކުން ދެކޮޅު: ޗައިނާ

އިންޑޯ ޕެސިފިކް ސަރަހައްދަށް ނޭޓޯ ފުޅާކުރުމަކީ އޭޝިއާގެ ގިނަ ގައުމުތަކުން ގަބޫލު ކަމެއް ނޫން ކަމަށް ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެއީ އެއްވެސް މަސްލަހަތެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން އިންޑޯ ޕެސިފިކަށް ނޭޓޯ ފުޅާކުރަން ރާވާއިރު -- ޗައިނާ އާއި، އިންޑިއާ، ޕާކިސްތާން، ކޮރެއާ، ޖަޕާން އަދި މެލޭޝިއާގެ މަސްލަހަތުވެސް އެ ސަރަހައްދުގައި އެބައޮތެވެ.

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަކީ 31 ގައުމެއް އެކުވެގެން އުފައްދާފައި އޮތް އަސްކަރީ ބާރެކެވެ.

ނޭޓޯގައި ހިމެނެނީ ޔޫރަޕްގެ 29 ގައުމަކާއި އުތުރު އެމެރިކާގެ ދެ ގައުމެކެވެ. މައި އޮފީސް ހުންނަނީ ބެލްޖިއަމްގެ ބުރުސަލްސްގަ އެވެ. މި ޖަމާއަތް ވުޖޫދަށް ގެނައީ އޭޕްރީލް 4، 1949 ގައި އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ގައެވެ.

އިންޑޯ ޕެސިފިކްގެ ގިނަ ގައުމުތައް ނިސްބަތްވަނީ އިރުމަތީ އޭޝިއާ އަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގަށް އެއްބާލުން ދިން ގައުމުތަކުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. އަދި އިރުމަތީ އޭޝިއާގެ ބައެއް އެހެން ގައުމުތަކުން ވެސް ރަޝިއާ ކުށްވެރިކޮށް ހުޅަނގަށް ވަނީ ލެނބިފަ އެވެ.

މިހެން ކަން އޮތުމުން، އިރުމަތީ އޭޝިއާއަށް ވުރެ ޖާގަ ތަނަވަސް އިންޑޯ ޕެސިފިކަށް ނޭޓޯ ފުޅާކުރުމުގެ ވިސްނުން އެމެރިކާ އާއި އިނގިރޭސިން ތިލަކުރި އެވެ. އަދި ޖަޕާނަށާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާ އަށް މެމްބަރުކަން ދިނުން މޮޅު ފިކުރެއް ގޮތުގައި ގަބޫލުކުރި އެވެ. އިންޑިއާ އަކީ ވެސް އެ މީހުންގެ އަމާޒެކެވެ.

އިންޑޯ ޕެސިފިކަށް ނޭޓޯ ފުޅާކުރުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ދެކޮޅު ކަމެކެވެ. ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮންއާ ހަވާލާދީ މިދާކަށް ދުވަހު އިނގިރޭސި ނޫހަކުން ބުނި ގޮތުން -- ޖަޕާންގެ ޓޯކިޔޯގައި ނޭޓޯ އޮފީހެއް ހުޅުވުމަކީ ފްރާންސް ގަބޫލުކަމެއް ނޫނެވެ.

މެކްރޮން ދެކެވަޑައިގަންނަވާ ގޮތުގައި ޖަޕާނަށް ނޭޓޯ ގެންދިއުމަކީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދާނެ ކަމެކެވެ. އަދި އެއީ ޖަޕާނަށް އޮތް ވަރަށް ބޮޑު ނުރައްކަލަކަށްވެސް ވެދާނެ އެވެ.

ނޭޓޯއަށް އެންމެ ރަނގަޅު ގޮތަކީ -- މެކްރޮން ވިދާޅުވި ގޮތުގައި އުތުރު އެޓްލާންޓިކް ސަރަހައްދަށް ވުރެ ބޭރަށް ނޭޓޯ ފުޅާނުކުރުމެވެ.

ޗައިނާ ގަބޫލުކުރާ ގޮތުން ނޭޓޯ މިހާރު އަންނަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި އެ ޖަމާއަތުގެ ގާނޫނުތައް ތަންފީޒުކުރަމުންނެވެ. މިސާލަކަށް ދެކުނު ކޮރެއާ އާއި ޖަޕާން އަދި ޓާއިވަން ނެގިދާނެ އެވެ.

މިހެން ކަންއޮތުމުން ނޭޓޯއަށް މިހާރު އެ ހަރަކާތްތެރި ވެވެނީ އެ ޖަމާއަތުގެ މަސްލަހަތުން ބޭރުން ކަމަށް ގަބޫލުކުރާ ކަމަށް ޗައިނާ ބުނެ އެވެ.

ޗައިނާ ދެކޭ ގޮތުގައި އޭޝިއާ ސަރަހައްދަށް ނޭޓޯ ގެނައުމަށް ދާއިތުކުރާ ގައުމުތަކުން ސަރަހައްދީ މަސްލަހަަތަށް ވިސްނަންވާނެ އެވެ. ވަކި ޖަމާއަތަކަށް އަދި ވަކި ގައުމަކަށް ގަބޫލުކުރެވޭ ގޮތަކުން މުޅި ސަރަހައްދުގެ މަސްލަހަތު ގެއްލިދާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.