ޖަޕާންގެ ކުރީގެ ދިފާއީ ވަޒީރު ޝިގެރޫ އިޝިބާ އެ ގައުމުގައި ވެރިކަންކުރާ ޕާޓީގެ ލީޑަރު ކަމަށް ކަނޑައަޅަފި އެވެ. މި ބަދަލާ ގުޅިގެން ޖަޕާން ބޮޑުވަޒީރުގެ މަގާމު އޭނާއަށް ލިބިވަޑައިގަންންވާނެ އެވެ.
ޖަޕާންގެ ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ފުމިއޯ ކިޝިދާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާދެއްވާނެ އެވެ. އޭނާ އިސްތިއުފާދެއްވައިފި ނަމަ ބޮޑުވަޒީރުގެ މަގާމަށް ވެރިކަންކުރާ ޕާޓީން މެމްބަރަކު އައްޔަންކުރަން ޖެހެ އެވެ.
ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާ މެމްބަރަކީ ވެރިކަންކުރާ ޕާޓީގެ ލީޑަރަށް ވާން ޖެހެ އެވެ.
ޕާޓީއަށް ލީޑަރަކު ހޮވުމަށްޓަކައި ޝައުުވެރިވާ މެމްބަރުންގެ މެދުގައި ވާދަކުރާ އިންތިޚާބެއް މިހާރު ވަނީ ބާއްވާފަ އެވެ. މި އިންތިޚާބުގައި ކުރި ހޯއްދެވީ ކުރީގެ ދިފާއީ ވަޒީރެވެ. މިހެންކަމުން، ފުމިއޯ ކިޝިޑާ އިސްތިއުފާދެއްވުމާ ހަމައިން ޝިގެރޫ އިޝިބާ ބޮޑުވަޒީރު ކަމަށް އައްޔަންކުރެވޭނެ އެވެ.
ޝިގެރޫ އިޝިބާ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި، އޭނާގެ ވެރިކަމުގައި ޖަޕާން އޮންނާނެ ތަސައްވަރެއް ވަނީ ކުރައްސަވާފަ އެވެ.
އިޝިބާ، 67، ގެ ތަސައްވަރުގައި ޖަޕާންގެ ވެރިކަންކުރާ ޕާޓީ އަކީ ސާފު -- ކޮރަޕްޝަންގެ ތިއްކެއްހާ ހިސާބުވެސް ނެތް ޕާޓީއަކަށް ވާން ޖެހެ އެވެ.
ޖަޕާންގެ އިގުތިސާދު ވާދަވެރިންނަށް ހިފަހައްޓައި ނުލެވޭ ވަރު ކުރެއްވުމަކީ ވެސް އާ ބޮޑުވަޒީރުގެ އުންމީދެކެވެ. އަދި ޗައިނާއާ ހެދި އެ ސަހަރައްދުގައި ފެތުރިފައި އޮތް އަސްކަރީ ބިރުވެރިކަން ނައްތާލައްވާނެ އެވެ.
ޖަޕާން އަކީ އަސްކަރީ ގޮތުން ގައުމު ދިފާއުކުރެވޭ ފެންވަރުގެ ކުޅަދާނަ ބަޔަކަށް ހެއްދެވުމަކީ ވެސް އިޝިބާގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީތަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްކަރީ ބާރުވެރިކަން ޖަޕާން ސަރަހައްދަށް ގެނައުމަށްޓަކައި އިޝިބާ ހުށަހަޅުއްވާ ރޭވުމަކީ ނޭޓޯގެ އޭޝިއާއަށް ޚާއްސަ ޖަމާއަތެއް އުފެއްދުމެވެ. މިއީ އަސްކަރީ މާހިރުން ދެކޭ ގޮތުގައި އެމެރިކާއަށް ބޮޑު ރިހުމަކަށް ވާނެ ކަމެކެވެ.
އެމެރިކާއިން މީގެ ކުރިންވެސް ވަނީ ނޭޓޯގެ އޭޝިއާ ޖަމާއަތެއް އުފެއްދުމަށް ދެކޮޅުހަދާފަ އެވެ.
ނޭޓޯގެ އޭޝިއާ ޖަމާއަތެއް އުފައްދައިފި ނަމަ، އެމެރިކާގައި ޖަޕާން ސިފައިން ތިބުމަށް ގޮތެއް ހޯދަންޖެހޭނެ އެވެ. މިއީ އެމެރިކާއަށް އެއްގޮތަކަށް ވެސް ކަމުދާ ކަމަކަށް ނުވާނެ ކަމަށް އަސްކަރީ މާހިރުން ވިދާޅުވެ އެވެ.