ދުނިޔެ

ޓްރަމްޕް ޓެކްސް ސިޔާސަތުން ދުނިޔެއަށް ނޭދެވޭ އަސަރުކުރާނެ: ޖަޕާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކި ގައުމުތަކަކަށް އަމާޒުކުރައްވައި ފައްޓަވާފައި އޮތް އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ޖަޕާން ކަންބޮޑުވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު ކަޓްސޮނޮބޫ ކާޓޯ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ފިޔަވަޅުތައް ސީދާ އަމާޒުވަނީ ކެނެޑާ، މެކްސިކޯ އަދި ޗައިނާއަށް ނަމަވެސް، އެކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޖަޕާން އަކީ ދުނިޔެއަށް އެހީދޭ ގައުމަކަށް ވާތީ އަންދާޒާކުރެވިފައި އޮތް އަދަދު ފަހަނައަޅައި މައްޗަށް ޖެހުމަކީ އަހަރު ދުވަހަށް ކޮށްފައި ހުރި ޕްލޭންތައް ފޭލިވުމަށް ސަބަބެއް ކަމަށްވެސް ޖަޕާންގެ މާލީ ވަޒީރު ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން އޭނާގެ އިގުތިސާދީ ސިޔާސަތުގައި ކެނެޑާ އާއި މެކްސިކޯއިން، އެމެރިކާއަށް އެތެރެކުރާ އުފެއްދުންތަކުން 25 ޕަސެންޓްގެ ޓެކްހެއް ނަގާނެ އެވެ. އަދި ޗައިނާގެ މުދަލުން 10 ޕަސެންޓްގެ ޓެކްހެއް ނަގާނެ އެވެ.

އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރެއް ކަށަވަރުވުމުގެ ކުރިންވެސް ޓްރަމްޕް ވަނީ މި ތިން ގައުމުން ޓެކްސް ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއިން 10 ޕަސެންޓް ޓެކުހެއް ނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، ޗައިނާ އަކީ މިހާރުވެސް އެމެރިކާއިން އެކި ބާވަތް ބާވަތުގެ ޓެކްސް ނަގާ ގައުމެކެވެ.

ޗައިނާއާ ދެކޮޅަށް އަދި ޗައިނާގައި ދުވެލި ބާރު ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް އެމެރިކާ ސަަރުކާރުން ދަތިކޮށްފައި އޮތްއިރު، އިތުރު 10 ޕަސެންޓް ޓެކުހެއް ނެގުމަކީ ވަރަށް ބޮޑު ބުރައަކަށް ވާނެ އެވެ.

ޓްރަމްޕްގެ މި ސިޔާސަތަކީ ބުނެލަން ފަސޭހަ ލަފުޒުތަކެއް ނަމަވެސް، މި ޓެކުހުގެ ސަބަބުން ކެނެޑާ އާއި މެކްސިކޯ އަދި ޗައިނާއިން ދުނިޔެއަށް މާކެޓްކުރާ މުދަލުގެ އަގު ބޮޑުވާނެ އެވެ.

މިކަމުގެ ދަތިކަން ޖަޕާނުންވެސް ތަހައްމަލުކުރަން ޖެހޭނެ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.