ދުނިޔެ

ބޮޑަށް ބަލާނީ ޗައިނާއާ ގުޅުން ބަދަހިކުރެވޭތޯ: ޖަޕާން

ޗައިނާގެ ރައީސް ޝީ ޖިންޕިން (ކަނާތުގައި) އަދި ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ -- ބޮޑަށް ބައްލަވާނީ ޗައިނާއާ ގުޅުން ބަދަހިކުރެއްވުމަށް ކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި
0%
0%
0%

ޖަޕާނާއި ޗައިނާއާ ދެމެދުގައި ފުށުއެރުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަމަށް ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ބިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ގޮންޖެހުންތައް އެއްފަރާތްކޮށްފައި ނަމަވެސް، އެންމެ ރަނގަޅު ގޮތަކަށް ވާނީ ޗައިނާއާ ގުޅުން ބަދަހިކުރުން ކަމަށެވެ.

ޗައިނާގެ އާއަހަރު މި ހަފުތާގައި (ބުދަދުވަހު) އެތައް މިލިން މީހުން ފާހަގަކުރާއިރު ޖަޕާނުން ދޭން އޮތީ އުފާވެރި ޚަބަރެއް ކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި އެވެ. އެއީ ބައިނަލްއަގްވާމީ މައިދާންތަކުގައި ޖަޕާން އާއި ޗައިނާ އެއް އަމާޒަކަށް މިސްރާބުޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަޕާނުން ޗައިނާއާ އެކު މަޝްވަރާކުރައްވާނެ ކަމަށްވެސް ޝިގެރޫ އިޝިބާ ވިދާޅުވި އެވެ. ދެގައުމުގެ ވެރިންގެ މެދުގައި ވެސް މުއާމަލާތްތައް އިތުރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއާ ޖަޕާންގެ މިސްރާބަކީ ވެސް ދެ ގައުމު އެކުވެރިވުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އަންމަ މަހު ޖަޕާނަށް ރަސްމީ ދަތުރެއް ކުރައްވާނެ އެވެ.

ޖަޕާން އާއި ޗައިނާއާ ދެމެދު ސީދާ މަޝްވަރާތައް ހުޅުވާލުމަށް ޖަޕާންގެ ގާނޫންހަދާ މަޖިލީހުގެ މެމްބަރުގެ ވަފުދެއް މިދާކަށް ދުވަހު ޗައިނާއަށް ދަތުރެއް ކުރި އެވެ. އަދި ދެގައުމުގެ މަޖިލީސް މެމްަބަރުން އެއް މޭޒުދޮށުގައި ސައްލާކުރެއްވި އެވެ.

މިއީ 2018 އަށް ފަހު މި ދެ ގައުމުން މި ފެންވަރުގައި މަޝްވަރާއަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

ޖަޕާން އާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް ފުށުއަރަނީ، ޖަޕާންގައި އެމެރިކާ ސިފައިން ޖަރުކަޒުކޮށްގެން ތިބޭތީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރުވެސް 50،000 އަށް ވުރެ ގިނަ އެމެރިކާ ސިފައިން ޖަޕާންގައި އެބަ ތިއްބެވެ.

އަނެއްކޮޅުން ޖަޕާނުން ނިއުކްލިއާ މާއްދާތައް ނައްތާލުމަށް ކަނޑުވެއްތުމަކީ ވެސް ޗައިނާއަށް މާކަމުދާ ކަމެއް ނޫނެވެ.

ޗައިނާ ބުނާ ގޮތުން ޖަޕާނުން ނިއުކްލިއާ ކުނި، ނައްތާލުމަށް ކަމަށް ބުނެ ކަނޑުފައްތަނީ ޗައިނާގެ މަސްވެރިން މަސްބާނާ ކަނޑަކަށެވެ.

ޗައިނާ ދެކޭ ގޮތުގައި މިއީވެސް މަޝްވަރާއިން ނިންމަން ޖެހޭ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910