ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރު ގާނޫނު ހަދާ މަޖިލީސް އުވާލައްވައިފި

ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ އެ ގައުމުގެ ގާނޫންހަދާ މަޖިލީސް އުވާލައްވައިފި އެވެ. މަޖިލީސް އަލުން އެކުލަވާލުމަށްޓަކައި އޮކްޓޯބަރު 27 ގައި އާންމު އިންތިޚާބެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.

މަޖިލީސް އިންތިޚާބަށް ކެމްޕޭންކުރުމަށް އޮކްޓޯބަރު 15 ގައި ހުޅުވާލުމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ކުރިން މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުން ނަން ނޯޓުކުރުމާއި ފޯމު ފުރުން ފަދަ މަރުހަލާތައް ކުރިއަށްދާނެ އެވެ.

ޝިގެރޫ އިޝިބާ ޖަޕާންގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ އޮކްޓޯބަރު އެކެއްގަ އެވެ. މަގާމާ ހަވާލުވެވަޑައިގެން މިހާ އަވަހަށް ގައުމުގެ މިސްރާބު ބަދަލުކުރެއްވުމަށް މަސައްކަތް ފެއްޓެވުމަކީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ހުޝިޔާރު ފިޔަވަޅެކެވެ.

ގާނޫންހަދާ މަޖިލީސް އުވާލެއްވުމުގެ ކުރިން ބޮޑުވަޒީރު ވަނީ ކެބިނެޓާ ބައްދަލުކުރައްވައި ސަރުކާރުން ހިންގެވުމަށް އިޚުތިޔާރުކުރައްވާ ގޮތް ހުށަހަޅުއްވާފަ އެވެ. މި ގޮތުން މަޖިލީސް އުވާލެއްވުމަށް ވެސް ހުށަހެޅުއްވި އެވެ.

ބޮޑުވަޒީރުގެ މި ނިންމެވުމަށް މުޅި ކެބިނެޓް ވަނީ ރުހުން ދެއްވާފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރުގެ މަގަމާށް އިޝިބާ ބަޑައިގަތުމުގެ ކުރިން، ސަރުކާރުގެ މިސްރާބު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަންކުރާ ޕާޓީގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ފިތުނަ ނައްތާލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝިގެރޫ އިޝިބާ ވަގާމާ ހަވާލުވެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި، އޭނާގެ ވެރިކަމުގައި ޖަޕާން އޮންނާނެ ތަސައްވަރެއް ވަނީ ކުރައްސަވާފަ އެވެ.

އިޝިބާ، 67، ގެ ތަސައްވަރުގައި ޖަޕާންގެ ވެރިކަންކުރާ ޕާޓީ އަކީ ކޮރަޕްޝަން މުޅިން ސާފުވެފައި އޮތް ޕާޓީއަކަށް ވާނެ އެވެ. ޕާޓީ މުޅިން ސާފުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަޕާންގެ އިގުތިސާދު ވާދަވެރިންނަށް ހިފަހައްޓައި ނުލެވޭ ވަރު ކުރެއްވުމަކީ ވެސް އާ ބޮޑުވަޒީރުގެ އުންމީދެކެވެ. އަދި ޗައިނާއާ ހެދި އެ ސަހަރައްދުގައި ފެތުރިފައި އޮތް އަސްކަރީ ބިރުވެރިކަން ނައްތާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަޕާން އަކީ އަސްކަރީ ގޮތުން ގައުމު ދިފާއުކުރެވޭ ފެންވަރުގެ ކުޅަދާނަ ބަޔަކަށް ހެއްދެވުމަކީ ވެސް އިޝިބާގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީތަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.