ދުނިޔެ

އެމެރިކާގެ ހިމާޔަތުގައި ސައުތު ކޮރެއާ ބާރުގަދަ ހަތިޔާރު ސަޕްލަޔަރަކަށް

ޔޫރަޕް މިހާރު އޮތީ ހަތިޔާރަށް ޖެހިފަ އެވެ. ރަޝިއާ-ޔުކްރޭން ހަނގުރާމާގައި -- ޔުކްރޭނަށް ހަތިޔާރު ދޭން ހަދައިގެން، އަމިއްލަ ގައުމުގެ ދިފާއުގައި ބޭނުންކުރަން ހުރި ހަތިޔާރުވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ހުސްވަނީ އެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ ގައުމުތަކަށް އޮތް އުފަލަކީ ރަޝިއާ ބަލިކޮށް ޔުކްރޭނަށް ކާމިޔާބު ހޯދައިދެވިދާނެ ކަމަށް އެ މީހުން ކުރާ އުންމީދެވެ.

ޔޫރަޕްގެ ގައުމުތަކަށް ބޭނުން ޖެހިފައި ހުރި ހަތިޔާރު ސަޕްލައިކުރުމަށް އެމެރިކާގެ ހިމާޔަތުގައި އޮވެ ސައުތު ކޮރެއާ ދަނީ ބިލިއަނުން ކޮންޓްރެކްޓް ނަގަމުންނެވެ.

ދުނިޔެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ އާއި އުތުރު ކޮރެއާ ކަމަށް ބުނެ ހީލަތްތެރިކަމުގައި ދެކުނު ކޮރެއާ ވަނީ ޔޫރަޕްގެ ހަތިޔާރު މާކެޓަށް ވަދެފަ އެވެ. އަދި ޕޮލޭންޑަށް 13.7 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކުމަށް ފާއިތުވި އަހަރު ބޮޑު ކޮންޓްރެކްޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ޔޫރަޕް އޮތީ ހަތިޔާރަށް ފެންބޮވައިގެންފަ އެވެ. މި ކަރުހިއްކުން ފިލުވުމަށް ދުނިޔޭގައި ހަތިޔާރު އުފައްދާ ގައުމުތަކަށް ޔޫރަޕްގެ ގައުމުތަކުން ކޮންޓްރެކްޓް ހަވާލުކޮށް އެއްބަސްވުން ތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އޭޝިއާ ބައްރަށް ނިސްބަތްވި ނަމަވެސް، ދެކުނު ކޮރެއާ ވެސް ވަނީ ޔޫރަޕްގެ ހަތިޔާރު މާކެޓުގެ ބޮޑު ބާރަކަށް ވެފަ އެވެ. އަދި ޔުކްރޭން ހަނގުރާމަ ނިމުމަށްފަހު ވެސް ޔޫރަޕަށް ހަތިޔާރު ސަޕްލައިކޮށްދޭ ގައުމެއް ގޮތުގައި ދެކުނު ކޮރެއާ އޮންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ދެކުނު ކޮރެއާ އަކީ ޔޫރަޕަށް މާގިނަ ހަތިޔާރު ސަޕްލައިކުރާ ގައުމެެއް ނޫނެވެ. އަދި ސިއްސައިގެންދާ ވަރުގެ ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓަކެއް ދެކުނު ކޮރެއާއަށް ލިބިފައެއް ވެސް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2021 ގައި ދެކުނު ކޮރެއާއިން ޔޫރަޕަށް ސަޕްލައިކޮށްފައިވަނީ 7.25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނެވެ. އެހެން ނަމަވެސް، ޔުކްރޭން ހަނގުރާމައާ ގުޅިގެން 2022 ގައި ދެކުނު ކޮރެއާއިން 17 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އާލާތްތައް ސަޕްލައިކުރަން ވަނީ ސޮއިކޮށްފަ އެވެ.

ނޭޓޯ މެމްބަރު ގައުމުތަކުގެ ތެރެއިން އަސްކަރީ ބަޖެޓް އެންމެ ބޮޑު ގައުމަކީ ޕޮލޭންޑެވެ. އެ ގައުމުން ޖީޑީޕީގެ ތިން ޕަސެންޓް ވަނީ އަސްކަރިއްޔާ ޒަމާނީކުރުމަށް ޚާއްސަކޮށްފަ އެވެ.

ޕޮލޭންޑަކީ އެމެރިކާ އަތުން ވެސް ހަތިޔާރު ގަންނަ ގައުމެކެވެ. އެ މީހުން ބުނާ ގޮތުން އަސްކަރީ ބަޖެޓް އެހާ ބޮޑުކުރަން ޖެހެނީ ސުލްހައަށް ލޯބިކުރާތީ އެވެ.

ދުނިޔެ އަމާން ތަނަކަށް ހެދެން އޮތީ ހަތިޔާރު ހޯދައިގެން ކަމަށް ޕޮލޭންޑްގެ އަސްކަރިއްޔާއިން ބުނެ އެވެ.