ދުނިޔެ

ޗައިނާ އަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ޖަޕާން

ސަރަހައްދީ މަސްލަހަތުގައި ޗައިނާ ވިސްނާ ގޮތް އެއްގޮތަކަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އިރުމަތީ ޗައިނާ ކަނޑަށް ގަދަ ދައްކަން ޗައިނާ ކުރާ އެއްވެސް ކަމަކަށް ޖަޕާންގެ ރުހުމެއް ނޯންނާނެ ކަމަށެވެ.

ދެކުނު ޗައިނާ ކަނޑަށް އެނަން ދެވިފައި އޮތް ގޮތަށް އިރުމަތީ ޗައިނާ ކަނޑަށް އެ ނަން ދެވިފައި އޮތީ ޗައިނާއަށް ބައި ބޮޑުކުރަން ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އެއީ ދުނިޔޭގެ ނިސްބަތުން ވަކި ތަނެއް ފާހަގަ ކުރަން ދެވިފައި އޮތް ނަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ އަމަލުތަކާއި ހަކަރާތްތައް ހުރީ ޖަޕާނަށް ގައުމީ ނުރައްކަލަކަށް ވެދާނެ ގޮތަކަށް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިރުމަތީ ޗައިނާ ސަރަހައްދުތަކުގައި، ޗައިނާއިން އަސްކަރިއްޔާ ފުޅާ ކުރުމުގައި އަވައްޓެރިންނަށް ބިރު ދެއްކުން ނޫން ކަމެއް ނެތް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިރުމަތީ ޗައިނާ ކަނޑުން ގުދުރަތީ ވަސީލަތްތައް ހޯދުމުގައި ޗައިނާ އަވަދިނެތި އުޅޭ ކަމަށެވެ. އަދި އަގު ބޮޑު މައުދަނާއި ގުދުރަތީ ކެމިކަލް ފަދަ ބާވަތްތައް ހޯދައި ނެގުމުގައި، ޗައިނާގެ އުޅަނދުތައް ޖަޕާނާ މާބޮޑަށް ކައިރިއަށް އަންނަ ކަމަށެވެ.

ދެ ގައުމުގެ ބޯޑަރު ވަކި ކުރަން ކަނޑުގައި އަޅާފައި އޮންނަ ފިކުރީ ރޮނގަށް ޗައިނާގެ އުޅަނދުފަހަރު އަރައި ޖަޕާންގެ އިމަށް ވަންނަ ކަމަށް ވެސް ބޮޑުވަޒީރު ތުހުމަތު ކުރެއްވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޗައިނާއާ އަރާރުންވެ ހަތިޔާރު އުފުލާ ހިސާބަކަށް ދާކަށް ބޭނުންފުޅެއް ނުވެ އެވެ. އޭނާ އަދި ވިދާޅުވީ ހަތިޔާރު ނެގުމަކީ ހައްލެއް އަދި ސުލްހައެއް ނޫން ކަމަށާއި އެހެން ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ހަރުދަނާ އެއްބަސްވުންތަކެއް އަލުން ގާއިމުކުރަން ޖެހިފައިވާ ކަމަށެވެ.