ޓައިވާން ވަށައި ޗައިނާގެ އަސްކަރިއްޔާއިން ފެށި ހަނގުރާމައިގެ ފަރިތަކުރުންތައް އަދިވެސް ހުއްޓާނުލާ ކަމަށް ޓައިވާނުން ބުނެފި އެވެ. އަސްކަރީ ޖެޓްތައް ދޭތެރެ ދޭތެރެއިން ޓައިވާން ސަރަހައްދަށް ވަންނަ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ގިނަ އަދަދަކަށް ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާން ސަރަހައްދުން ފެނެ އެވެ. އިއްޔެ ވެސް 17 ޖެޓާއި މަނަވަރުތައް ލޮލަށް ފެންނަ ހިސާބުގައި ހަރަކާތްތެރިވެ އުޅުނެވެ.
ޗައިނާގެ އަމަލުތައް ހުރި ގޮތުން ޓައިވާންގެ ޖެޓުތައް ވެސް ސަރަހައްދު ބަލަހައްޓަން ނެރެން ޖެހުނު ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓައިވާނާ ވަރަށް ގާތުގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން މިދާކަށް ދުވަހު ހިންގި މިސައިލް ފަރިތަކުރުން ތަކަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ބަދަލުހިފުމުގެ ގޮތުން ހިންގި ހަރަކާތް ތަކެކެވެ.
ޗައިނާ ގަބޫލުކުރާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކަށް ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާއި އެމްބެސެޑަރުން ކަނޑައެޅުމެއް ނޯންނާނެ އެވެ.
ޗައިނާ ބުނާ ގޮތުގައި ދުރު ނޫން މުސްތަގުބަލެއްގައި ޓައިވާން ހިފާނެ އެވެ. އަދި ޗައިނާއާ ގުޅާލާނެ އެވެ. އެކަމަކު ބާރުގެ ބޭނުންކޮށްގެން ޓައިވާނަށް އެރުމެއް ނޯންނާނެ އެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން މެނުވީ ހަތިޔާރު އުފުލާ ހިސާބަށް ނުދާނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ގޮތުގައި ޓައިވާނަކީ އެއްވެސް ގޮތަކުން އެމެރިކާއާ ގުޅުން އޮތް ތަނެއް ނޫނެވެ.
ޓައިވާން އަކީ ޗައިނާއާ ގުޅުން އޮތް އަދި ޗައިނާގެ ލޭ ކަމަށް އެމެރިކާ ގަބޫލުކޮށް އެއްބަސްވުމަށްފަހު އެނޫން ގޮތަކަށް އެނބުރި ގަތުމުން ބޮޑެތި މައްސަލަތައް އުފަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ ބުނާ ގޮތުން އެމެރިކާ އޮތީ "ވަން ޗައިނާ ޕޮލިސީ" ވެސް ގަބޫލުކޮށްފަ އެވެ. އެކަން އެގޮތުގައި އޮއްވައި އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ދިއުމަކީ ބޮޑު މައްސަލައެއް ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.