ޓައިވާނަށް ހަތިޔާރު ވިއްކާ މައްސަލާގައި ރުޅިގަދަވެ އެމެރިކާގެ ބޮއިން އާއި ރޭތިއޯން އަށް ދަތިކުރުމުގެ ފިޔަވަޅު ޗައިނާ އިން އަޅައިފި އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ މި ދެ ކުންފުނި ހިންގަން ތިބި ވެރިންނަށެވެ.
ޗައިނާގެ މިނިވަންކަމާއި އިސްގިތުލާލް ރައްކާތެރިކޮށް ދެމެހެއްޓުމަށް ރޭތިއޯން ޓެކްނޮލޮޖީޒް ކޯޕޮރޭޝަންގެ ޗެެއާމަން އަދި ޗީފް އެގްޒެކެޓީވް އޮފިސަރު ގްރެގަރީ ޖޭ ހޭޔިސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހުނީ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.
ބޮއިން ޑިފެންސް، ސްޕޭސް އެންޑް ސެކިޔުރިޓީގެ ރައީސް އަދި ޗީފް އެގްޒެކެޓިވްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހުނީ ވެސް ޗައިނާ ބުނާ ގޮުތން ޓައިވާން ހަތިޔާރު ސަޕްލައި ކޮށްދޭތީ އެވެ.
ޓައިވާނަށް ސަޕްލައިކުރާ ހަތިޔާރު އުފައްދައިދެނީ ބޮއިން އާއި ރޭތިއޯން އިން އެވެ. ޗައިނާ ބުނާ ގޮތުން ޓައިވާނަށް ހަތިޔާރު ސަޕްލައި ކުރުމުގައި ވިސްނާނުލައިފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރާނެ އެވެ.
ޗައިނާ ބުނާ ގޮތުން ޓައިވާން އަށް ހަތިޔާރު ސަޕްލައިކޮށް އަސްކަރީ ގޮތުން ބާރުވެރިކުރުވުމަކީ "ވަން ޗައިނާ" ސިޔާސަތާ ފުށުއަރާ ކަމެކެވެ.
ވަން ޗައިނާ ސިޔާސަތަށް ތާއީދުކުރާ ކަމަށް އެމެރިކާ ބުނެފައި އޮތްއިރު، ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ މައްލަތައް އެމެރިކާ އިން ފެންމަތި ކުރަނީ ކީއްވެތޯ ޗައިނާ ވަނީ ސުވާލުކޮށްފަ އެވެ.
ދުނިޔޭގެ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ތިމާވެއްޓަށް ޚިދުމަތް ކުރުމަށް އެމެރިކާއާ އެއްބާރުލުމުގައި ޗައިނާ އަށް އޮވެވޭނީ ޓައިވާނަށް ހަތިޔާރު ސަޕްލައި ނުކުރާ ނަމަ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އވެ.
ޗައިނާގެ ޝައުގުވެރިކަން ހިމާޔަތްކުރުމަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެކަށީގެވާ ފިޔަވަޅުތައް އަޅާނެ ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ.
އެެހެން ނަމަވެސް، އެމެރިކާ އިން މިހާރު ވެސް ދަނީ ޓައިވާނަށް ހަތިޔާރު ސަޕްލައި ކުރަމުންނެވެ. އެމެރިކާ ސަރުކާރުގެ ވިސްނުން އޮތީ ވެސް ޓައިވާނަށް އިތުރު ހަތިޔާރު އަދިވެސް ސަޕްލައިކުރާ ގޮތަށެވެ.