ދުނިޔެ

ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ޗައިނާ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ އޯގަސްޓްގައި ޓައިވާނަށް ވަޑައިގަތުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޕެލޯސީ އާއި އެމެރިކާގެ ވެރިން ޓައިވާނަށް ވަޑައިގަތުމަކީ އުފެދިފައި ނެތް މައްސަލަތަކެއް އުފައްދަން އެމެރިކާ ކުރާ ކަމެއް ކަމަށްވެސް ޗައިނާއިން ވަނީ ބުނެފަ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުގައި ޕެލޯސީގެ ދަތުރު ކެންސަލްކުރަން އެމެރިކާއަށް އޮންނާނީ ކިތަންމެ ފަހަރަކު ދަންނަވާފަ އެވެ.

ޗައިނާގެ އެދުމުގައި ކޮޅުފައިން ޖަހައި އެމެރިކާ ބޭނުންހާ ގޮތަކަށް ޗައިނާ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ދޭ ދައުވަތެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޖައޯ ލިޖިއަން ވިދާޅުވި ގޮތުގައި ޕެލޯސީ ޓައިވާނަށް ވަޑައިގެންފި ނަމަ ޗައިނާއިން ދެން ކުރާ ކަންތައްތައް ލޯމައްޗަށް ފެނިގެން ދާނެ އެވެ.

ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ދުނިޔެ ގަބޫލުނުކުރާއިރު އެމެރިކާގެ އަމަލުތައް ހުރީ މަސްލަހަތު ފުށުއަރާ ގޮތަށް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިނިވަން ދައުލަތަކާ އެކު ގުޅުން އޮންނަ ބީދައިން ޓައިވާނާ އެކު ގުޅުން ނުބޭއްވޭނެ ކަމަށެވެ.

ޗައިނާއިން ބޭނުންވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާން ހިފާނެ ކަމަށް ކިތަންމެ ފަހަރަކު ވަނީ ބުނެފަ އެވެ. އަދި ޗައިނާ އަކީ އެހާ ކުޅަދާނަ ގައުމެއްކަން ދުނިޔެއަށް ވަނީ ދައްކާފަ އެވެ.

ޓައިވާން ވައިގެ ސަރަހައްދަށް ޗައިނާގެ ފައިޓަރު ޖެޓްތައް ކިތަންމެ ފަހަރަކު ވަނީ ވަދެފަ އެވެ. އަދި ޓައިވާންގައި އަސްކަރީ ބާރުވެރިކަން ހުރި މިންވަރު ވަނީ ޖާސޫސީ ސެޓެލައިޓް ބޭނުންކޮށްގެން ހޯދާފަ އެވެ.

މި އަހަރުގެ ކުރީ ކޮޅު، އޭޕްރީލްގައި ވެސް ޓައިވާނަށް ވަޑައިގަތުމަށް ޕެލޯސީ މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް ކޮވިޑް ޖެހިގެން ދަތުރު އޮތީ ލަސްކޮށްފަ އެވެ.

ޕެލޯސީގެ ދަތުރު ކެންސަލްކުރަން ޗައިނާއިން އެއިރު ވެސް އޮތީ އެދިފަ އެވެ. ޕެލޯސީ ޓައިވާނަށް ކުރައްވާ ދަތުރު ފަސްކުރުމަށް ވުރެ ކެންސަލް ކުރުން އެދެވިގެންވާ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.