ހޮލީވުޑް ފިލްމުތަކުގައި ނޫން ގޮތަށް އާންމުކޮށް ނުހިނގާ މަތިންދާބޯޓު އެކްސިޑެންޓެއް ޕެރޫގެ ވެރިރަށް ލީމާގެ އެއާޕޯޓުގައި ހިނގައިފި އެވެ.
މި ހާދިސާގައި އަލިފާން ނިވާ ޓްރަކްގައި ތިބި ދެފަޔާ ފައިޓަރުން ވަނީ މަރުވެފަ އެވެ.
އެއާޕޯޓްތަކުގައި ބޭނުންކުރާ އަލިފާން ނިވާ ޓްރަކްތައް މަތިންދާބޯޓު ނައްޓާލާއިރު އަދި ޖައްސާއިރު އޮންނަން ޖެހެނީ ތައްޔާރީ ހާލަތުގަ އެވެ.
އެހެން ނަމަވެސް ޕެރޫގައި މި ހިނގި ހާދިސާގައި އަލިފާން ނިވާ ޓްރަކް އޮތީ މަތިންދާބޯޓު ނައްޓާލަށް ދުއްވާފައި ދިޔަ މަގުމަތީގައި -- ރަންވޭ މަތީގަ އެވެ.
މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އަލިފާން ނިވާ ޓްރަކް ރަންވޭއާ މިހާ ގާތަށް ޖެހެން ޖެހުނު މައްސަލަ އެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން އަލިފާން ނިވާ ޓްރަކް ރަންވޭ ހުރަސްކުރަން އެރި ތަނުން އިންޖީނަށް ގެއްލުމެއް ލިބި އުޅަނދު ހުއްޓުނީ އެވެ. މިފަދަ އެހެން ސަބަބެއް އޮތްތޯ ސެކިޔުރިޓީ އޮފިޝަލުން މިހާރު ދަނީ ބަލަމުންނެވެ.
ޕްރޮސެކިޔުޓަރުން ބުނާ ގޮތުން މިއީ ގަސްދުގައި ގެއްލުމެއް ދޭން ކުރި އަމަލަކަށް ވެސް ވެދާނެ އެވެ. ނޫން ނަމަ އަމިއްލައަށް މަރުވާން ކުރި ކަމަށް ވެސް ވެދާނެ އެވެ.
އިންޓަނެޓަށް ލީކުވެފައި ހުރި އާންމުކޮށް ދައްކަން ބޭނުންނުވާ ވީޑިއޯ މަންޒަރުތަކުން ފެންނަނީ ލިމާގެ އެއާޕޯޓުން ނައްޓާލަން ރަންވޭ މަތީގައި ވަރަށް ބާރަށް ދުއްވާފައިދާ ލަޓަމް އެއާލައިންގެ އެއާބަސް އޭ320ގެ މަތިންދާބޯޓެއް އަލިފާން ނިއްވާ ޓްރަކެއްގައި ޖެހޭ މަންޒަރެވެ.
ޓްރަކުގައި ހަމަ ޖެހޭ ތަނުން މަތިންދާބޯޓުގެ ކަނާތު ފިޔަގަނޑުގައި އަލިފާން ރޯވެ ބޯދުމުން މުޅީ ސަރަހައްދު ކަނުވެގެން ދެ އެވެ.
ލަޓަމް އެއާލައިން ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި ފަޅުވެރިއަކަށް އަދި ދަތުރުވެރިއަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އެހެން ނަމަވެސް ނަފުސާނީ ގޮތުން ގެއްލުން ލިބުނު މީހުންނަށް ފަރުވާދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މި މަތިންދާބޯޓު ލިމާއިން ފުރައިގެން ދަތުރުކުރަން ތާވަލުކޮށްފައި އޮތީ ޕެރޫގެ އެހެން ސިޓީއެއް ކަމަށްވާ ޖޫލިއާކާ އަށެވެ.
މި ހާދިސާގައި ދެން ފެންނަނީ ރަންވޭގެ ކޮންމެވެސް ހިސާބެއްގައި މަތިންދާބޯޓު އޮންނަ މަންޒަރެވެ. އަލިފާން ނިއްވާ ކުނޑި ޖެހިޖެހީހުން މަތިންދާބޯޓުގެ ކަނާތު ފިޔަގަނޑު މުޅިން ސްނޯއަށް އޮންނަނީ ބަދަލުކޮށްލާފަ އެވެ. ހީވަނީ ދޮންވެލި ފަސްގަނޑެއްހެންނެވެ.
ލީމާގެ އެއާޕޯޓް އޮޕަރޭޓަރުން ބުނި ގޮތުން ހާލަތު ހަމައަކަށް އެޅެންދެން ރަންވޭ އޮންނާނީ ބަންދުކޮށްފަ އެވެ. އަދި މި މުއްދަތު ހާލަތަށް ބަލައި ހޮނިހިރު ދުވަހަށް ދަންމާލަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.