ލަޓަމް އެއާލައިނުގެ މަތިންދާ ބޯޓު، އަލިފާން ނިއްވަން ބޭނުންކުރާ އުޅަނދެއްގައި ޖެހި ދެ މީހުން މަރުވި ހިތާމަވެރި ހާދިސާ އަކީ ސަލާމަތީ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެއް -- ޑްރިލެއް ތެރެއިން ހިނގާދިޔަ ކަމެއް ކަމަށް ޕެރޫ އިން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މިހާދިސާގައި މަތިންދާ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އެކްސިޑެންޓްގައި މަރުވީ އަލިފާން ނިއްވަން ބޭނުންކުރި އުޅަނދުގައި ތިބި ދެ މީހުންނެވެ. އިތުރު 20 މީހަކަށް އަނިޔާވެފައިވާއިރު ދެ މީހެއްގެ ހާލު ގޯސްކަމަށް ޕެރޫގެ ހެލްތް މިނިސްޓްރީން ބުނެ އެވެ.
ލިމާ އެއާޕޯޓް ހިންގާ ފަރާތުން ނެރުނު ބަޔާނުގައި މި ޑްރިލް އަކީ ކުރިން އަންގައިގެން އަދި ރޭވިގެން ކުރިއަށް ދިޔަ ހަރަކާތެެއް ކަމަށާއި މި ޑްރިލްގައި ރަންވޭ ބޭނުން ކުރާނެކަން ކުރިން އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެކަމަކު ލަޓަމް ކުންފުނީގެ ސީއީއޯ ވިދާޅުވީ މަތިންދާ ބޯޓެއް ރަންވޭ މައްޗަށް އަރާނީ ކަމާ ގުޅޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށާއި ބޯޓެއް ނައްޓާލަން ތައްޔާރުވަމުންދާއިރު ރަންވޭ މައްޗަށް އިތުރު އުޅަނދެއް އެރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް އެންމެންނަށްވެސް އެނގޭނެ ކަމަށެވެ.
މަތިންދާ ބޯޓު ލިމާއިން ފުރައިގެން ދަތުރުކުރަން ތާވަލުކޮށްފައި އޮތީ ޕެރޫގެ އެހެން ސިޓީއެއް ކަމަށްވާ ޖޫލިއާކާ އަށެވެ.
މިއެކްސިޑެންޓްގެ ވީޑިއޯތައް އާންމުވެފައިވާއިރު މަންޒަރުތަކުން ފެންނަނީ ލިމާގެ އެއާޕޯޓުން ނައްޓާލަން ރަންވޭ މަތީގައި ވަރަށް ބާރަށް ދުއްވާފައިދާ ލަޓަމް އެއާލައިންގެ އެއާބަސް އޭ320ގެ މަތިންދާބޯޓެއް އަލިފާން ނިއްވާ ޓްރަކެއްގައި ޖެހޭ ތަނެވެ. މި ހާދިސާގައި ދެން ފެންނަނީ ރަންވޭގެ ކޮންމެވެސް ހިސާބެއްގައި މަތިންދާބޯޓު އޮންނަ މަންޒަރެވެ. އަލިފާން ނިއްވާ ކުނޑި ޖެހިޖެހީހުން މަތިންދާބޯޓުގެ ކަނާތު ފިޔަގަނޑު މުޅިން ސްނޯއަށް އޮންނަނީ ބަދަލުކޮށްލާފަ އެވެ. ހީވަނީ ދޮންވެލި ފަސްގަނޑެއްހެންނެވެ.