އިންޑިއާ

އިންޑިއާގައި ހަދަމުންދިޔަ ބްރިޖެއްގައި ކެރޭނެއް ފުރޮޅާލައި ބަޔަކު މަރުވެއްޖެ

އިންޑިއާގައި ބްރިޖެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކްރޭނެއް ފުރޮޅާލައި ވެއްޓި ހިނގި އެކްސިޑެންޓެއްގައި 17 މީހަކު މަރުވެއްޖެ އެވެ.

މި ހާދިސާ އިއްޔެގެ ވަގުތެއްގައި ހިނގާފައިވަނީ އިންޑިއާގެ މުމްބާއީއާ 80 ވަރަކަށް ކިލޯ މީޓަރު ކައިރި ސަރަހައްދެއް ކަމުގައިވާ ޝާހްޕޫރު ގައެވެ.

މި ކްރޭން ފުރޮޅާލައިގެން ވެއްޓުނީ ހަދަމުންދިޔަ ބްރިޖްގެ ތަނބުތައް މައްޗަށް ކަމަށް ވުމުން އެ ތަނބުތައް ފުނޑިގެން ވެއްޓުނު ކޮންކްރީޓް ގަނޑުތަކުގެ ދަށުގައި އޭރު މަސައްކަތް ކުރަމުންދިޔަ މީހުން ވަނީ ދަށުވެ ފުނޑިގެން ގޮސްފަ އެވެ.

މި ހާދިސާގައި މަރުވި 17 މީހުންގެ ހަށިގަނޑު ނަގާފައިވާއިރު ތިން މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބި ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓަ ރެސްޕޮންސް ފޯސް އިން އާންމުކޯށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެހީތެރިންވަނީ ކްރޭންގެ ލެނބިފައިވާ ދަގަނޑުތަކުގެ ތެރެއިން މީހުން ނެގުމުގެ މަސައްކަތް ކޮށްފަ އެވެ.

އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްގެ މުމްބާއީ އާއި ނާގް ޕޫރު ގުޅުވާލާ ސަމުރްދީއެކްސްޕްރެސްވޭ އަކީ ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސޯދުގައި އިންފްރާސްޓްރަކްޗަ ވަރުގަދަކުރުމަށް ނިންމާފައިވާ މަޝްރޫއުގެ ބައެކެވެ.

އިންޑިއާގައި މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗަ ގާއިމުކުރުމުގެ މަޝްރޫއަތަކުގައި އެކްސިޑެންޓްތައް ހިނގުމަކީ އާންމު ކަމެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް އިންޑިއާގެ ގުޖްރާތުގައި މަރާމާތު ކުރި ބްރިޖެއް މަރާމާތުކޮށް ނިމުމާއެކު ވެއްޓި 130 މީހަކު މަރުވެފައިވެ އެވެ. އަދި 2016 ވަނަ އަހަރު ކަލްކަތާގައި ކާރޫބާރު ބޮޑު މަގެއް މައްޗަށް ފްލައިއޯވައެއް ވެއްޓި 26 މީހަކު މަރުވެފައިވެ އެވެ.