އިންޑިއާގެ އޮޑީޝާ ސްޓޭޓްގައި ދަގަނޑުން ކަހާލައި ދެ ރޭލު މުޑިއެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 233 ފަހަނަ އަޅައިފި އެވެ. މި ހާދިސާގައި އިތުރު 850 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.
ރަސްމީ އިދާރާތަކުން މީހުން ސަލާމަތްކުރުމަށް މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އެމެޖެންސީ އޮފިޝަލުންނާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ އެވެ.
އިންޓަނެޓުގައި ހުރި ޚަބަރު ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ރޭލު ޖެހުނުލެއް ބާރުކަމުން ރޭލުގެ ބައިތައް ހުރީ މުގުރަކުން ތަޅާ ޗިސްކޮށްފައި ހުރި ފަދަ ގޮތަކަށެވެ. ރޭލުގެ އެޕާޓްމަންޓްތަކަށް އެރި ލޮޅުމުގައި ކުޑަދޮރުތަކުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ދެމިގަނެ ކޭއްތި -- ލެއިން ތަތްތެޅިފައި ހުރި މަންޒަރު ވެސް ފެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ ރޭލު މުޑިއެރީ ދަތުރުވެރިންނާ އެކު ކަލްކަޓާއި ފުރައިގެން ޗެނާއީއަށް ދަތުރުކުރަނިކޮށެވެ. ރޭލުގެ ބައިތައް ދަނގަޑުން ނެއްޓިފައި ވަނިކޮށް ކައިރީގައި އޮތް އެހެން ދަނގަޑަކުން ދަތުރުކުރި ތިންވަނަ ރޭލެއް ވެސް ވަނީ އެކްސިޑެންޓްވެފަ އެވެ.
އިންޑިއާގެ ނޫސްތައް ބުނާ ގޮތުން މި ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދިނުމަށް ހަތް އަވަށެއްގެ ހޮސްޕިޓަލްތައް ވަނީ ތައްޔާރީ ހާލަތުގަ އެވެ.
މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާ ލިބުނު މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އޮޑީޝާ ސްޓޭޓްގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ ވިދާޅުވި ކަމަށް ޚަބަރުތައް ބުނެ އެވެ.
އިންޑިއާގެ ރޭލު ނެޓްވޯކުގެ ސަލާމަތަށް ސަރުކާރުން އެތައް މަސައްކަތެއް ކުރަމުން ދާއިރުވެސް، ރޭލް އެކްސިޑެންޓްތައް އެކަށީގެންވާ ވަރަށް މަދުކުރެވިފައެއް ނުވެ އެވެ.
ރޭލު މަގުން ކައްސާލައި މުޑިއެރުމަކީ އިންޑިއާގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. މި ސިނާއަތުގައި 2016 ގައި ވެސް ވަނީ ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގާަފަ އެވެ. މި ހާދިސާގައި 140 މީހަކު ވަނީ މަރުވެފަ އެވެ.
މިފަދަ އެހެން ހާދިސާއެއްގައި 1995 ގައި ވެރިރަށް ނިއުދިއްލިގައި ދެ ރޭލުޖެހި 358 މީހަކު ވަނީ މަރުވެފަ އެވެ. މިއީ އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. މިފަދައިން ހިނގާ ރޭލު އެކްސިޑެންޓްތައް ގިނައިން ހިނގާފައި ވަނީ އިންސާނުން ކުށުންނެވެ.
އިންޑިއާގެ ރޭލު ނެޓްވޯކަކީ ބިޔަ ނެޓްވޯކެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދުވާލަކު 12 މިލިއަން މީހުން ރޭލު ދަތުރުކުރެ އެވެ. މި ދަތުރުތަކުގައި 14،000 ރޭލު ބޭނުން ކުރާ ކަމަށްވެ އެވެ.