އިންޑިއާގެ ގުޖުރާތުގައި ކޯރެއް ހުރަސްކޮށް ދަމާފައި އޮތް ބްރިޖެއް ކަނޑައިގެން ގޮސް ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދު 132 އަށް އަރައިފި އެވެ.
މީހުން ސަލާމަތްކުރަން މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުން މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު ވީތަނެއް ނޭނގޭ ކިތަންމެ ބަޔަކު ވެސް ވެއްޖެ ކަމަށެވެެ.
މާއްޗޫ ކޯރު ހުރަސްކޮށް ދަމާފައި އޮތް ބްރިޖާ ބެހޭ ގޮތުން ބުނެވެނީ މަރާމާތުކޮށް އަދި ބްރިޖުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އާންމު ބޭނުންތަކަށް ހުޅުވާލެވުނީ މިދާކަށް ދުވަހު ކަމަށެވެ.
ކޭބަލް ބްރިޖު ކަނޑައިގެ ގޮސް ވެއްޓުނުއިރު ބުރިޖު ހުރަސްކޮށް ދިއުމަށް ވަރަށް ގިނަ މީހުން ބްރިޖަށް އަރާ ތިބި ކަމަށް ނޫސްތަކުން ބުނެ އެވެ.
ބްރިޖް ވެއްޓުނު ވަގުތު އެލިގަނެގެން ތިބި ބައެއް މީހުން ވަނީ ފަހުން ކޯރަށް ވެއްޓިފަ އެވެ. އަދި މީހުން ސަލާމާތްކުރުމުގައި މަސައްކަތްކުރާ ޓީމުތަކުން ކޯރުގެ އަޑިން ވެސް ގަބުރުތައް ވަނީ ނަގާފަ އެވެ.
ގުޖުރާތުގެ ހޯމް މިނިސްޓަރު ހަރުޝް ސަންގާވީ ވިދާޅުވި ގޮތުގައި މީހުން ސަލާމަތްކުރުން ހަލުއިކޮށް ކުރިއަށް ގެންދާނެ އެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ ބައިބޯ ވަގުތެއްގައި ބްރިޖު ވެއްޓުމަކީ މީހުން ސަލާމަތްކުރަން ކުރެވޭ މަސައްކަތްތައް ދިގުދެމިގެން ދާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ ޒަހަމްތަކާ ހެދި މަރުވެފަ އެވެ.
މި ބްރިޖަކީ 230 މީޓަރުގެ ބްރިޖެކެވެ. ބްރިޖު ބިނާކޮށްފައިވަނީ 19 ވަނަ ގަރުނުގައި އިނގިރޭސިންގެ ވެރިކަމުގަ އެވެ. މި ބްރިޖު މަރާމާތުކުރަން ހަމަސް ވަންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި އާންމުންނަށް އަލުން ހުޅުވާލީ މި ހަފުތާގަ އެވެ.
ސިވިލް އިންޖިނޭރުން ބުނާ ގޮތުން އެއްފަހަރާ މާގިނަ މީހުން ބްރިޖު ހުރަސްކުރަން އުޅުމުން ކޭބަލްތަކަށާއި ބްރިޖުގެ އަށިތަކަށް ކެތްނުވީ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތް ގުޖުރާތުގެ ޗީފް މިނިސްޓަރު ބޫޕެންދުރާ ޕަޓޭލްއަށް ވިދާޅުވެފަ އެވެ.
މޯދީ ވިދާޅުވީ ސަރުކާރުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި މީހުން ސަލާމަތްކުރުމާއި ފަރުވާދިނުން އަވަސްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މިހާދިސާ ވަރަށް ކައިރިން ބައްލަވައި އިރުޝާދު ވެސް ދެއްވާފައިވެ އެވެ.