އިންޑިއާގެ އަސްކަރިއްޔާ ޒަމާނީކޮށް ދުޝްމަނުންގެ ކިބައިން ރަައްކާތެރިވުމަށް ބޭނުންވާ އާލާތްތައް އަމިއްލައަށް އުފައްދަނީ އެވެ.
އިންޑިއާގެ މި ވިސްނުމުގެ ތެރޭގައި، ކަނޑުބެ ސިފައިން ބާރުވެރިކުރުމަށްޓަކައި ނިއުކްލިއާ ސަބްމެރިން އުފެއްދުން ވެސް ހިމެނެ އެވެ.
އިންޑިއާގެ ދިފާއީ ދެ އޮފިޝަލަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ނިއުކްލިއާ ހަކަތައިން ދުއްވާ ދެ ސަބްމެރީން އުފެއްދުމަށް އިންޑިއާ މިހާރު އޮތީ މުޅިން ތައްޔާރަށެވެ. މިކަމަށް ބޭނުންވާ ރޭވުންތަކަށް ސަރުކާރުން ހުއްދަދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މި ދެ ސަބްމެރީން އުފައްދަން 5.4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އިންޑިއާ ކަނޑުގެ ގަދަ ބާރެއް ގޮތުގައި ދެމިއޮތުމަށް ކަނޑުގެ ސިފައިން ވަރުގަަކޮށް އަސްކަރިއްޔާއަށް ބޭނުންވާ ވަސީލަތްތައް -- އިތުރު އެހެން ގައުމަކަށް ބަރޯސާނުކޮށް އުފެއްދޭ ފެންވަރަށް ސިނާއީ މަސައްކަތްތައް ކުރިއަށް ޖެއްސުމަށް ވެސް އިންޑިއާއިން ވަނީ ނިންމާފަ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގައި އިންޑިއާ ދުނިޔެ ފަހައި ދުވަނީ ހަލުއި ދުވެލީގަ އެވެ. މޯދީގެ ރޭވުންތެރިކަމުގެ ސަބަބުން އިންޑިއާ އަކީ ހަމައެކަނި އިންޑިއާ ކަނޑަށް ޚާއްސަ ބާރަކަށް ވުރެ ގަދަފަދަ ބާރަކަށް ވަނީ ވެފަ އެވެ.
އިގުތިސާދީ ގޮތުން އިންޑިއާގެ ދުވެލި ވާދަވެރިންނަށް މިސާލަކަށް ވަނީ ވެފަ އެވެ. އަދި އިތުރު އެހެން ބަޔަކަށް ބަރޯސާ ނުކޮށް -- ހުޅަނގުން ބުނިހާ ގޮތެއް ނުަހަދައި، ގައުމަށް އެންމެ ރަނގަޅު ގޮތް އިޚުތިޔާރުކުމުގެ ސަބަބުން އިންޑިއާ ވެފައި މިވަނީ އެކުވެރި ގައުމުތައް ބެލެހެއްޓޭ ވަރުގެ ބާރުގަދަ އިގުތިސާދަކަށެވެ.
އަސްކަރީ ގޮތުން އިންޑިއާ ލިބިގަންނަ ކުރިއެރުންތަކުގެ ސަބަބުން އިންޑިއާ ސަރަހައްދަށް ވެސް ރައްކާތެރިކަން ކަށަވަރުވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުންކުރަން ނިއުކްލިއާ ހަ ސަބްމެރީން އުފައްދާނެ އެވެ. ނަމަވެސް، ފުރަތަމަ ބުރުގައި އުފައްދަނީ ދެ ސަބްމެރިން އެވެ.
މި ސަބްމެރިންތައް އުފައްދަން ނިންމާފައި ވަނީވެސް އިންޑިއާގަ އެވެ. މިއީ މިހާރު ވެސް ނިއުކްލިއާ ސަބްމެރިން ބޭނުންކުރާ ގައުމުތަކަަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެެވެ. އަދި އިންޑިއާ ހޯދާ ވަރަށް ބޮޑު ކާމިޔާބަކަށް ވެސް ވާނެ އެވެ.