އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިފެށޭ ހަފުތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެ އެވެ.
މިސްރީ ވިދާޅުވި ގޮތުން މި ދަތުރަށް އޮތް ތާރީޚަކީ ފެބްރުއަރީ 12 – 13 އެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ ދައުވަތަކަށް މޯދީ ކުރައްވާ ދަތުރެކެވެ. މޯދީ މި ދަތުރުގައި އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްއާ ބައްދަލުކުރައްވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ދުނިޔޭގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި ހުށިޔާރު ލީޑަރެކެވެ. އެމެރިކާއަށް މޯދީގެ ބޭނުންޖެހިފައިވަނީ އިންޑިއާއާ ނުލައި ތަންފީޒުކުރަން ދަތި ސިޔާސަތުތަކެއް ހުރުމުންނެވެ.
އިންޑިއާ އަކީ އަމިއްލަ ޒާތުގައި އަދި އަމިއްލަ ފާޑުވެރިކަމުގައި ތަރައްގީއަށް ބުރަ މަސައްކަތްކޮށް ކާމިޔާބުކުރާ ގައުމެކެވެ.
ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިންޑިއާގެ ދުވެލި ހުޅަނގަށް ނުތަކާ ވަރަށް ވަނީ ބާރުކޮށްފަ އެވެ. މި ދުވެލީގެ ކާމިޔާބު އިންޑިއާއިން މިހާރު ވަނީ ފެންނަން ފަށާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޑިއާ މުހިއްމުވާ ސަބަބަކީ، އިންޑިއާ ފިޔަވައި ހިތްހަމަޖެހިލައިގެން އެމެރިކާއަށް މަޝްވަރާކުރެވޭ ގައުމެއް ނެތުމެވެ.
މޯދީގެ މި ދަތުރުގައި ދެ ގައުމުގައި ހުރި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ބައިނަލްއަގްވާމީ މާކެޓުގައި ހުރި ފުރުސަތުތައް އިންޑިއާއަށް ގެނައުމަށް މަސައްކަތްކުރައްވާނެ އެވެ.
އިގުތިސާދީ އިންވެސްޓްމަންޓްތަކަށް ވުރެ ބޮޑަށް ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ވެސް މޯދީއާ ޓްރަމްޕް މަޝްވަރާކުރައްވާނެ އެވެ. ޓެރަރިޒަމާ ދެކޮޅަށް، ދެ ގައުމުގެ ގުޅިގެން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާނެ އެވެ.
އިންޑިއާ ކަނޑުގައި ޗައިނާގެ ހައިސިއްޔަތާއި ބާރުވެރިކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާނެ އެވެ. އަދި ދުނިޔޭ ސިޔާސަތު ބައްޓަންކުރުމުގައި ރަޝިއާ، އުތުރު ކޮރެއާ އަދި އީރާން ފަދަ އެމެރިކާއަށް ކަންބޮޑުވުން އޮތް ގައުމުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާނެ އެވެ.
އެމެރިކާގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އިންޑިއާ މީހުންނާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެެވެ. އަދި އިންޑިއާ މީހުންނާ މެދު އެމެރިކާގައި އަމަލުކުރެވޭ ނިކަމެތި ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާނެ އެވެ.