އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ވަގުތު އުޅުއްވަނީ ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި މޮސްކޯގަ އެވެ.
މޯދީއަށް ރަޝިއާ އިން ކުރި އިހްތިރާމާއި ބެހެއްޓި ގާތްކަން ދެކެ އެމެރިކާއަށް ވަނީ ހަސަދަވެރިކަން ފޮރުވަންވެސް ދަތިވެފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އެމެރިކާގެ ބައިވެރިއެކެވެ. އަދި ކުއަޑް ޖަމާއަތުގެ މުރާލި މެމްބަރެކެވެ.
އެމެރިކާއާ އެކު ގާތް އެއްބަސްވުންތަކުގައި ދެމިއޮވެ ރަޝިއާއާ ގުޅުން ބަދަހިކުރުމަކީ އެމެރިކާގެ ބޮލުގައި ރިހޭ ކަމެއްކަން ތަރުޖަމާން ވަނީ އިންޑިއާއަަށް އަންގާފަ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި ދެމުންދާ ހަމަލާތައް ކުށްވެރިކުރުމުގައި އިންޑިއާ، އެމެރިކާއާ ބައިވެރިއެއް ނުވި އެވެ. އޭގެ ބަދަލުގައި އިންޑިއާ ބެލީ ގައުމަށް ފައިދާ ހުރި ގޮތްތަކަށެވެ.
އެމެރިކާ ބުނިހާ ގޮތެއް ހެދިނަމަ ތަޖުރިބާކާރުން ދެކޭ ގޮތުގައި އިންޑިއާ މިހާރު އޮންނާނީ ތަންކޮޅެއް ހާލުގަ އެވެ.
ނަރެންދުރާ މޯދީގެ ޒައާމަތުގައި އިންޑިއާ ދަތުރުކުރަނީ ގައުމަށް އަދި ގާތް އެކުވެރިންނަށް ވަރަށް ފައިދާ ބޮޑު މިސްރާބަކަށް ކަމަށްވެސް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.
ނަރެންދުރަ މޯދީ ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ ބައްދަލުކުރައްވައި، ވިޔަފާރިގައި ދެ ގައުމު ލާމެހުމަށް އެއްބަސްވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެެވެ. ރަޝިއާ އާއެކު ހުރިހާ ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށްވެސް ބެލެވެ އެވެ.
ނަރެންދުރަ މޯދީގެ މި ދަތުރަކީ ރަޝިއާއަށް ވެސް ވަރަށް މުހިއްމު ދަތުރެކެވެ. ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކުގައި، ރަޝިއާ ހާލުގައި ނުޖެހި ސަލާމަތްވުމުގައި އިންޑިއާގެ ދައުރު ވަރަށް ބޮޑެވެ.
ޕޫޓިންގެ ވާހަކަތަކުގައިވެސް ވަނީ އިންޑިއާގެ މިގާތްކަން ފާހަގަކުރައްވާފަ އެވެ. އަދި ހުޅަނގުން ބުނާ އެއްޗަކަށް ނުބަލައި އިންޑިއާ އާއެކު ވަރަށް ބަދަހި ގުޅުންތަކެއް ގާއިމުކުރައްވައި ދަމަހައްޓަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުޅަނގުގެ ބަސްތަކުން އިންޑިއާއަށް ޕްރެޝަރު ކުރިމަތިވި ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިންޑިއާ ދީލާ ނުލާނެ އެވެ. އިންޑިއާގެ ބުނުމަކީ ގައުމަށް ވުރެ މުހިއްމު ބަޔަކު ނެތް ކަމެވެ.
އިންޑިއާ އަކީ އެއްވެސް އިރެއްގައި ބައިވެރިންނަށް ދޯކާދޭނެ ގައުމެއް ނޫން ކަމަށްވެސް އިންޑިއާ ބުނެ އެވެ. ހުރިހާ ގައުމަކާ އެކުވެސް ގާތް ގުޅުންތައް ދަމަހައްޓާނެ ކަމަށްވެސް އިންޑިއާ ބުނެ އެވެ.