ދުނިޔެ

އިންޑިއާ ބްރިޖު ވެއްޓި 142 މަރު، ނުވަ މީހުން ހައްޔަރުކޮށްފި

އިންޑިއާގެ ގުޖުރާތުގައި މުއްޗޫ ކޯރު ހުރަސްކޮށް އެލުވާފައި އޮތް ބުރިޖު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުން އަދަދު އަދިވެސް ވަނީ އިތުރެވެ. އެ އަދަދު މިހާރު އޮތީ 142 ގައެވެ.

މި ހާދިސާއާ ގުޅިގެން ގުޖުރާތުގެ ފުލުހުން ނުވަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ބްރިޖް މަރާމާތުކުރި ކުންފުންޏަށް ނިސްބަތްވާ މީހުންން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބްރިޖް ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ މެނޭޖަރު ވެސް ހިމެނެ އެވެ.

މުއްޗޫ ބްރިޖަށް 140 އަހަރު ވެދާނެ ކަމަށް ބުނެވެ އެވެ. މި ބްރިޖަކީ 230 މީޓަރުގެ ބްރިޖެކެވެ. ބްރިޖު ބިނާކޮށްފައިވަނީ 19 ވަނަ ގަރުނުގައި އިނގިރޭސިންގެ ވެރިކަމުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބްރިޖު މަރާމާތުކުރުމަށް ބަންދުކޮށްފައި އޮންނަތާ ވެސް ދެއަހަރެއްހާ ދުވަސް ވެދާނެ އެވެ. ބްރިޖު ވެއްޓިފައި ވަނީ މަރާމާތަށް ފަހު ހުޅުވިތާ ހަފުތާއެއް ވެސް ނުވަނީހެ އެވެ.

ސިވިލް އިންޖިނޭރުން ބުނާ ގޮތުން އެއްފަހަރާ މާގިނަ މީހުން ބްރިޖު ހުރަސްކުރަން އުޅުމުން ކޭބަލްތަކަށާއި ބްރިޖުގެ އަށިތަކަށް ކެތްނުވީ އެވެ. ޚަބަރުތައް ބުނާ ގޮތުން ބްރިޖު ވެއްޓުނުއިރު އޭގެ މަތީގައި 500 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އިންޑިއާ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ކޮންޓްރެކްޓަށް މަސައްކަތްކުރި ކުންފުނީގެ ދެ މެނޭޖަރުންނާއި ސެކިޔުރިޓީ ގާޑާއި ޓިކެޓް ކައުންޓަރުގައި ތިބި ކޭޝިއަރުން ވެސް ހިމެނެ އެވެ.

އިންޑިއާ ހަބަރުތައް ބުނާ ގޮތުން މަރާމާތަށްފަހު ބްރިޖު ހުޅުވީ ރަސްމީކޮށް ހުއްދަ ދިނުމުގެ ކުރިންނެވެ. އަދި ސިވިލް އިންޖިނޭރުން ބަލާ ފާސްކުރުމެއް ނެތި އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބްރިޖު ކަނޑައިގެން ދާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ބްރިޖަށް އަރާތިބި މީހުން ދެފަޅި ދެފަޅިއަށް ހޫރުވުން ހިމެނެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ގިނަ އަދަދަކަށް ޒުވާނުން ވެސް ހިމެނެ އެވެ.