ދުނިޔެ

އެއްބައިވަންތަކަމުގެ ހިނގާލުން ދިއްލީއަށް

އިންޑިއާގެ މައި އިދިކޮޅު ޕާޓީ– ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކުރީ ސަފުގައި ހުންނަވައިގެން ކުރިއަށް ގެންދަވާ އެއްބައިވަންތަކަމުގެ ހިނގާލުން އަށް ސްޓޭޓް ކަޑައްތުކޮށް، ވެރިކަންކުރާ ނިއު ދިއްލީއާ ހަމައަށް ފޯރައިފި އެވެ.

ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި "އިންޑިއާ އެއްބައިވަންތަކުރުމުގެ ހިނގާލުން" ނަމުގައި ކުރިއަށް ގެންދާ ހިނގާލުމަކީ ނަފްރަތާއި ބައިބައިވަންތަކަމާއި ދެކޮޅަށް ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުމުގައި އެތައްހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ބޮޑުބައެއް ކަވަރުކުރެވޭ ގޮތަށް ކުރިއަށް ގެންދާ މި ހިނގާލުމަކީ އެންމެ ފަހުން ބޭއްވި ގައުމީ ދެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ގެއްލިފައިވާ މަގުބޫލުކަން ހޯދުމެވެ.

ނިއު ދިއްލީގައި ހުންނަ އާގްރާ ފޯޓުގައި ހުންނަވައިގެން ރާހުލް އޭނާގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވިދާޅުވީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި ހިންދޫންނާ ދެމެދު ނަފްރަތު އުފެއްދުމަށް މެދުކެނޑުމެއްނެތި ބޮޑުވަޒީރު މޯދީގެ ޕާޓީ -- ބީޖޭޕީ އިން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ބީޖޭޕީ އިން އެގޮތަށް އަމަލުކުރަނީ ގައުމުގައި ހުރި މުހިއްމު މައްސަލަތައް އާމުންގެ ސަމާލުކަމުން ފޮރުވާ، ފަރުދާލުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރާހުލް ވިދާޅުވީ ބީޖޭޕީއިން ފަތުރާ ނަފުރަތުގެ ރައްދުގައި ކޮންގްރެސް ޕާޓީ އިން އިންޑިއާގައި ފަތުރާނީ ލޯބި ކަމަށެވެ.

އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އެ ގައުމުގެ ހިންދޫން ކުރާ އަނިޔާއާއި ފުރައްސާރަ މޯދީގެ ވެރިކަމުގައި ބޮޑުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި މިފަދަ ދީނީ ތަފާތުކުރުންތަކުގައި ހިންދޫންގެ އެތައް ބަޔަކު ހައްދުފަހަނަ އަޅާދަނީ މޯދީ ހަނުހުންނަވާތީ ކަމަށް ކޮންގްރެސް ޕާޓީން ތުހުމަތުކުރެ އެެވެ.

ބީޖޭޕީ އަށް އަމާޒުވާ މިފަދަ ތުހުމަތުތައް އެޕާޓީން އަބަދުވެސް ދޮގުކުރެ އެވެ.