ޖޯ ބައިޑަން

ބައިޑަން އާއި މޯދީ މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ރައީސް، ޖޯ ބައިޑަންއާ އިންޑިއާގެ ބޮޑުވަޒިރު، ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ. އެނގިފައިވާ ގޮތުގައި ދެބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވީ މިހާރުން މިހާރަށް ހައްލުކުރަން ހުރި މައްސަލަތައް ތަރުތީބުކުރާނެ ގޮތަކާ މެދު އެވެ.

ބޮޑުވަޒީރު މޯދީ ޓްވިޓާގައި، ދެބޭފުޅުން މަޝްވަރާކުރެއްވި ބައެއް ނުކުތާތަކަށް ވަނީ އަލިއަޅުވާލާފަ އެވެ. ބޮޑުވަޒީރު ވެސް ފާހަގަކުރައްވާފައި ވަނީ ސަރަހައްދީ އަދި މޫސުމީ މައްސަލަތަކުގައި ދެގައުމުގެ މަސްހަލަތަށް އިސްކަންދިނުމުގެ މުހިންމު ކަމަށެވެ. އަދި އެކުގައި ގުޅިގެން މަސައްކަތްކުރަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

ވައިޓް ހައުސްއިން ބުނީ ދުނިޔޭގެ އިގްތިސޯދު ބައްޓަންކުރުމާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އާހިތްވަރަކާއެކު މަސައްކަތްކުރަން ދެގައުމަށް އެއްބަސްވެވުނު ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި ފައިދާއަށް އިސްކަންދިނުމަށާއި ދުނިޔެއިން ޓެރަރިޒަމް ނައްތާލަންކުރާ މަސައްކަތްތަކުގައި ވެސް އެކުގައި ހިއްސާވުމަށް އެއްބަސްވެވުނު ކަމަށެވެ.

ބައިޑަންއާ މޯދީ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއަންމާ ވެސް ހިމެނެ އެވެ. މަދަނީ ސަރުކާރު ވައްޓާލައި މުޅި ގައުމު އަސްކަރިއްޔާއިން ކޮންޓްރޯލް ދަށަށް ގެންދިއުމުން އުފެދިގެން އުޅޭ ހަމަނުޖެހުންތަކަށް ވެސް ދެބޭފުޅުން ވަނީ ބައްލަވާލައްވާފަ އެވެ.