ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާއިން އިންޑިއާއަށް ވެކްސިން ފޮނުވަނީ

އިންޑިއާއަށް ކޮވިޑް ވެކްސިން ފޮނުއްވައި ދެއްވަން ގަސްދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އަދި ވިދާޅުވީ އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތީ އަތުން ދޫވެފައި ކަމަށާއި އެހީތެރިވެ ދެއްވުމުގެ ގޮތުން ވެކްސިން ފޮނުއްވާނެ ކަމަށެވެ. އިންޑިއާއަކީ ގާތް އެކުވެރިއެއް ކަމަށާއި އާންމު ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގައި ސްޓޮކްކޮށްފައި ހުރި 60 މިލިއަން އޮކްސްފޯޑް - އެސްޓްރަޒެނެކާ ވެކްސިން ދުނިޔެއަށް ބަހާލަން ވަނީ ނިންމާފަ އެވެ. އޮފިޝަލުން ވިދާޅުވީ ސިއްހީ އިދާރާތަކުން އާނބަސް ލިބޭ ތަނުން ގައުމުތަކަށް ވެކްސިން ފޮނުވަން ފަށާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން އެމެރިކާއިން ބޭނުވަނީ އޮކްސްފޯޑް - އެސްޓްރަޒެނެކާ ސްޓޮކް އެއްކޮށް ބަހާލާށެވެ. ރައީސް ބައިޑަން ވިދާޅުވީ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް އެހީތެރި ވުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.

އެމެރިކާގައި އިމާޖެންސީ ބޭނުންތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ) އިން އަދި ހުއްދަ ދިނީ ތިން ވެކްސިނަކަށެވެ. އެއީ ފައިޒާ -ބަޔޮންޓެން އާއި މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަން އެވެ. އޮކްސްފޯޑް - އެސްޓްރަޒެނެކާ ވެކްސިނަށް އަދި ހުއްދައެއް ނުދެ އެވެ.

އިންޑިއާއަށް ފޮނުއްވަނީ ކޮން ބްރޭންޑެއް ވެކްސިނެއް ކަމެއް ބައިޑަން ވިދާޅެއް ނުވެ އެވެ. ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ދިގުކޮށް ވާހަކަދެއްކެވި ކަމަށާއި ވެކްސިންގެ އިތުރުން އެހެނިހެން އެހީތެރިކަން ވެސް ފޯރު ކޮށްދެއްވާނެ ކަމަށާއި ވެކްސިން އުފައްދަން ބޭނުންވާ މެކޭނިކަލް ބައިތައް ވެސް ފޮނުވައިދެއްވާނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ އެމެރިކާގައި ކޮވިޑް އުތުރިއަރައިގަތްއިރު އިންޑިއާއިން އެހީތެރިވެ ދިން ކަމަށާއި އެކަން އަބަދަށް ހަނދާން ބަހައްޓަވާނެ ކަމަށެވެ.

އިންޑިއާގައި ކޮވިޑް ބަލިމީހުން އިތުރުވެ ސިއްހީ މަރުކަޒުތަކަށް ވަނީ ތައްކަތު ނުކުރެވިފަ އެވެ. ފަރުވާދޭން ހުރި ވަސީލަތްތައް ހުސްވެ، ބަލިމީހުންނަށް އަޅާނުލެވި ވަނީ ގޮތްހުސްވެފަ އެވެ. މުޅި ދުނިޔެ އިންޑިއާއަށް އެހީތެރިވަމުން އަންނައިރު ވެސް ހާލަތު އޮތީ ކޮޅެއް މެދެއް ފެންނަ ހިސާބަކު ނޫނެވެ.

އިންޑިއާގައި ދުވާލަކު އަލަށް ކޮވިޑްޖެހޭ އަދަދު 352،991 ވަނީ ފަހަނައަޅާފަ އެވެ. ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށި ފަހުން އިންޑިއާގައި 17.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނާ ގޮތުން 200،000 އާ ގާތް ކުރަނީ އެވެ.