ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަނީ އެވެ. ޖޯންސަން ވިދާޅުވި ގޮތުގައި އަންނަ އަހަރު ޖެނުއަރީގައި އޭނާ މި ދަތުރުފުޅު ކުރައްވާނެ އެވެ. މިއީ ޖޯންސަން ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުުރުފުޅެވެ.

އިންޑިއާއަށް ޖޯންސަން ވަޑައިގަންނަވާއިރު، އިނގިރޭސިވިލާތް އޮތީ ރަހުމަތްތެރިންނަށް ބޭނުންޖެހިފަ އެވެ. ޔޫރަޕިއަން ޔޫނިއަނުން ވަކިވެ "ގްލޯބަލް ބްރިޓްން" އަށް މިސްރާބު ޖެހިތަނާހެން މުޅި ގައުމަށް ވަނީ ކޮވިޑް އަރާފަ އެވެ. ރާޅުބާނިތައް އަދިވެސް ނުހިނދެ އެވެ. އިގުތިސޯދު ހަމައަކަށް އެޅޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އިނގިރޭސިވިލާތުން އިންޑިއާގައި އިންވެސްޓް ކުރުމާއި އިންޑިއާއިން އިނގިރޭސިވިލާތުގައި އިންވެސްޓްކުރުމާ ބެހޭ ވާހަކަތައް ދެ ބޮޑުވަޒީރުންގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވެ އެވެ. ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމާއި ތިމާވެއްޓާ ގުޅުންހުރި މައުލޫތަކަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޖެނުއަރީ 26 އެވެ. ޗީފް ގެސްޓްގެ ހައިސިއްޔަތުން އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ޖޯންސަން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ދެއްވި ދައުވަތު އުފަލާ އެކު ގަބޫލުފުޅު ކުރެއްވިކަން ވެސް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ.

ޖޯންސަން ވަނީ އަންނަ އަހަރު އިނގިރޭސިވިލާތުގައި ބާއްވާ "ޖީ ސެވަން" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް، ބޮޑުވަޒީރު މޯދީއަށް ދައުވަތުދެއްވާފަ އެވެ. މި ދައުވަތު މޯދީ ވެސް ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.