ބޮރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް، އޭޕްރީލް 25 ގައި

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން މި މަހުގެ 25 ގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.

ޖޯންސަން ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިއީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުުރުފުޅެވެ. މިއީ މިއަހަރު ކުރީކޮޅު ކުރައްވަން ހަމަޖެއްސި ދަތުރެއް ނަމަވެސް އިނގިރޭސި ވިލާތުގައި ކޮވިޑް ހާލަތު އޮތް ގޮތުން ދަތުރު ފަސް ކުރެއްވީ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ވެސް ވަރަށް ގޯހެވެ. އެހެނެއްކަމަކު ދަތުރަށް ބަދަލުގެންނެވުމުގެ ވިސްނުންފުޅެއް ބޮޑުވަޒީރު ފަހުން ނުގެންގުޅުއްވަ އެވެ. މީޑިއާ ރިިޕޯޓްތައް ބުނަނީ މިއީ ބޮޑުވަޒީރަށް މިވަގުތު ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށެވެ.

އިންޑިއާއަށް ޖޯންސަން ވަޑައިގަންނަވާއިރު، އިނގިރޭސިވިލާތް އޮތީ ރަހުމަތްތެރިންނަށް ވަރަށް ބޭނުންޖެހިފަ އެވެ. ޔޫރަޕިއަން ޔޫނިއަނުން ވަކިވެ "ގްލޯބަލް ބްރިޓްން" އަށް މިސްރާބު ޖެހިތަނާހެން މުޅި ގައުމަށް ވަނީ ކޮވިޑް އަރާފަ އެވެ. ކޮވިޑްގެ ރާޅުބާނިތައް އަދިވެސް ބަނޑުދަމައެއް ނުލައެވެ. އިނގިރޭސި އިގްތިސޯދު ހަމައަކަށް އެޅޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އިނގިރޭސިވިލާތުން އިންޑިއާގައި އިންވެސްޓް ކުރުމާއި އިންޑިއާއިން އިނގިރޭސިވިލާތުގައި އިންވެސްޓްކުރުމާ ބެހޭ ވާހަކަތައް ދެ ބޮޑުވަޒީރުން، މޯދީ އާއި ބޮރިސް ބައްދަލުވުމުގެ އެޖެންޑާއަށް ލާފައި ވެއެވެ. ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމާއި ތިމާވެއްޓާ ގުޅުންހުރި މައުލޫތަކަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.