އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވާޗުއަލް ސަމިޓެއް ބާއްވަނީ އެވެ. އިންޑިއާ ނޫސްތަކުން ބުނާ ގޮތުން ދެބޭފުޅުން ބައްދަލުކުރައްވަން ހަމަޖައްސާފައި ވަނީ މެއި ހަތަރެއްގަ އެވެ.
އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގަތުމަށް ދެފަހަރެއްގެ މަތިން ތާރީޚް ކަނޑައެޅުއްވި އެވެ. އެހެން ނަމަވެސް ދުނިޔޭގައި ކޮވިޑް ފެތުރިގެންފައި ވާތީ ދަތުރު ހުއްޓުނީ އެވެ.
ޖޯންސަން ފުރަތަ ދަތުރު ކެންސަލްކުރެއްވީ އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ބަޑައިގަތުން ރަނގަޅުނުވާނެ ކަމަށް ވިދާޅުވެ އެވެ. ދެވަނަ ފަހަރު ކެންސަލްކުރެއްވީ އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ އެވެ.
ދެބޭފުޅުން ސީދާ ބައްދަލުނުކުރެވި ދިޔަ ތަން ވާޗުއަލް ސަމިޓްގެ ސަބަބުން ފޫބެދޭނެ ކަމަށް މީޑިއާތަކުން ލަފާކުރެ އެވެ. މަޝްވަރާއަށް ހުރި ނުކުތާތައް ކުރިއާލައި ހުރީ ތައްޔާރުކުރެވިފައި ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
އިނގިރޭސިވިލާތުން ދެކޭ ގޮތުގައި އިންޑިއާ އަކީ ވަފާތެރި ވިޔަފާރި ބައިވެރިއެކެވެ. އެހެންކަމުން އިނގިރޭސިވިލާތުން އިންޑިއާގައި އަދި އިންޑިއާއިން އިނގިރޭސިވިލާތުގައި އިންވެސްޓްކުރެވެން ހުރި ފުރުސަތުތަކަށް ދެވޭފުޅުން ބައްލަވާލައްވާނެ އެވެ.
ދެބޮޑުވަޒީރުންގެ ބައްދަލުކުރެއްވުމުގައި ވިޔަފާއި އާއި ދިފާއީ / ސަލާމަތީ މަސްލަހަތާއި މޫސުމީ ބަދަލުތައް އަދި ސިއްހީފަރުވާ ގުޅުން ހުރި މައުލޫތަކަށް މަޝްވަރާކުރައްވާނެ އެވެ. އަދި ޖުމުލަ ގޮތެއްގައި ދެބޭފުޅުން ފޯކަސްކުރައްވާނީ ސިނާއަތްތައް ވިޔަފާރިއާ ގުޅުވާލުމަށެވެ.
އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓްރީން ބަޔާނެއްގައި ބުނެފައި ވަނީ ސަރަހައްދީ އަދި ދުނިޔޭގެ މަސްލަހަތުގައި ދެގައުމުން ޝައުގުވެރިކަން ހުރި މައުލޫތަކަށް މަޝްވަރާކުރައްވައި އެޖެންޑާކުރައްވާނެ ކަމަށެވެ. އަދި ބުނީ އެޖެންޑާކުރެވެނީ ދަގައުމު ގުޅިގެން ނޫން ގޮތަކަށް ތަންފީޒުކުރެވެން ނެތް ކަންތައްތައް ކަމަށެވެ.