ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިޭސި ބޮޑުވަޒީރު އިންޑިއާ ދަތުރު ކެންސަލްކުރައްވައިފި

އިނގިރޭސި ބޮޑުވަޒިރު، ބޮރިސް ޖޯންސަން މި މަހު ފަހުކޮޅު އިންޑިއާ އަށް ކުރައްވަން ހަމަޖައްސަވާފައި އޮތް ދަރުތު ކެންސަލްކުރައްވައިފި އެވެ. ސަބަބަކީ އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އެވެ. މި ހަފުތާގެ ހޯމަ ދުވަހު އެކަނި ވެސް 58،784 މީހުންނަށް އަލަށް ކޮވިޑް ޖެހުނު ކަމަށް ރިކޯޑް ތަކުން ދައްކަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ގުޅުއްވައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ވިދާޅުވި ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ، ދަތުރު ކެންސަލްކުރައްވަން ޖެހިވަޑައިގަތުމުން ހިތްޕުޅު ނުތަނަވަސްވެ ވަޑައިގެން ހުންނެވި ކަމަށެވެ.

"ގައުމުގައި ހާލަތު އޮތީ ގައުމު ދޫކޮށް ދެވޭ ގޮތަކަށް ނޫން،" އިނގިރޭސި ބޮޑުވަޒީރު އިންޑިއާގެ ބޮޑުވަޒީރަށް ދެންނެވި ކަމަށް ބަޔާނުގައި ވެ އެވެ. "ގައުމު މިއޮތީ އަނެއްކާ ވެސް ލޮކްޑައުންކޮށްފަ. އަޅުގަނޑުމެން ފޯނުގައި މިހޭދަކުރާ ކުޑަ ވަގުތުކޮޅުގައި ވެސް ޔޫކޭ ހޮސްޕިޓާތައް ދަނީ ފުރި ބަންޑުންވަމުން. ރައްޔިތުންނާ އެކު ގައުމުގައި މިވަގުތު މަޑުކުރުން ވަރަށް މުހިންމު ކަމަށް އަަޅުގަނޑު މިބަލަނީ"

އިނގިރޭސި ބޮޑުވަޒިރު އިންޑިއާއަށް ވަޑައިގަންނަވާނެކަން އިއުލާންކުރެއްވުން

ދެ ގައުމު އެކުގައި ކުރެވެން ހުރި މަސައްކަތްތަކަށް ދެބޭފުޅުން އަލި އަޅުވާލައްވައި މަޝްވަރާކުރެއްވި ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އަދި މިއަހަރު މެދާހިސާބުގައި ނަމަވެސް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް މޯދީއަށް ދެންނެވި ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވެ ވަނީ "ގްލޯބަލް ބްރިޓްން" އަށް މިސްރާބުޖަހާފަ އެވެ. މި ދަނޑިވަޅުގައި އިންވެސްޓަރުންނާށް ޔޫކޭ އޮތީ ވަރަށް ބޮޑަށް ބޭނުންޖެހިފަ އެވެ. އިންޑިއާއަށް ކަުރައްވަން އޮތް ދަތުރުފުޅުގައި މިއީ ވެސް އޮތް މަޝްވަރާއެކެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޖެނުއަރީ 26 އެވެ. ޗީފް ގެސްޓްގެ ހައިސިއްޔަތުން އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ޖޯންސަން ބައިވެރިވެ ވަޑައިގަންނަވަން އޮތީ ހަމަޖެހިފަ އެވެ. އަނެއްކޮޅުން، އިނގިރޭސިވިލާތުގައި މިއަހަރު ބާއްވާ "ޖީ ސެވަން" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް، ބޮޑުވަޒީރު މޯދީއަށް ޖޯންސަން ވަނީ ދައުވަތުދެއްވާފަ އެވެ. މޯދީ ބައިވެރިވެ ވަޑައިގަންނަވާނީ ޚާއްސަ މެހެމާނެއް ގޮތުގަ އެވެ.