އިންޑިއާ

މަނީޕޫރުގައި ހަމަނުޖެހުންތައް ބޮޑުވެ ކާފިއު އިއުލާންކޮށްފި

އިންޑިއާގެ މަނީޕޫރު ސްޓޭޓްގައި އަނެއްކާވެސް ހަމަނުޖެހުން ބޮޑުވެ އެ ސްޓޭޓްގައި އިންޓަނެޓް ކަނޑާލައި މުޅި ސްޓޭޓްގައި ކާފިއު އިއުލާންކޮށްފި އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ދަރިކޮޅު ކަމަށްވާ ކުއްކީ އާއި މެއިޓީންގެ ދެމެދުގައި ހިނގަމުންދާ ވަރުގަދަ ހަމަނުޖެހުންތަކުގެ ސަބަބުން، އިމްފާލް ވާދީއާއި އެ ސަރަހައްދާ ގުޅިފައިވާ ތަންތަނުގައި ކާފިއު އިޢުލާނުކޮށް، ފަސް ވާދީއެއްގައި އިންޓަނެޓްގެ ހިދުމަތް ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ.

މި ހަމަނުޖެހުންތަކުގައި ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިން ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުންދާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މިކަމާ ގުޅިގެން މެއިޓީ ދަރިކޮޅުގެ ކޮލެޖު ދަރިވަރުން މުޒާހަރާކުރަން ފަށައި، ގަވަރުނަރުގެ ގެކޮޅަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވެ އެވެ.

މި ހާދިސާގައި 45 ދަރިވަރުންނަށް އަނިޔާވެފައިވާއިރު ފުލުހުން އަންނަނީ ކަރުނަގޭހާއި ކަރަންޓު މުގުރު ބޭނުންކޮށްގެން މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިހަމަނުޖެހުންތައް ފެށުނީ މިދިޔަ އަހަރުގެ މެއި މަހު ކުއްކީ ދަރިކޮޅަށް ލިބިދީފައިވާ ހާއްސަ އިނާޔަތްތަކެއް މެއިޓީ ދަރިކޮޅަށްވެސް ދިނުމަށް ކޯޓުން ނެރުނު އަމުރަކާ ހިސާބުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް 225 މީހުން މަރުވެ، 60،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެ އެވެ. ވެރިކަންކުރާ ބީޖޭޕީ ޕާޓީން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭ މި ސްޓޭޓްގައި ހަމަޖެހުން އަލުން ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.