ދުނިޔެ

އެމެރިކާގެ އަލަބާމާއަށް ބްލެކް ހޯކް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ ބްލެކް ހޯކް މަރުކާގެ ހެލިކޮޕްޓަރެއް، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަބާމާއަށް ވެއްޓިއްޖެ އެވެ.

ހަންޓްސްވިލް އިމަޖެންސީ މެޑިކަލް ސާވިސަސް އިން ބުނާ ގޮތުން މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހެލިކޮޕްޓަރުން ދަތުރުކުރީ ދެ ފަޅުވެރިންނެވެ. އޭގެ ތެރެއިން އެކަކުވެސް ސާލާމަތްވެފައި ނުވާ ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހެލިކޮޕްޓަރު ވެއްޓުނީ ހަ މީހުންނާ އެކު އެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މި އަދަދު ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މި ހެލިކޮޕްޓަރު ވެއްޓިފައި އޮންނަ ތަން ފެންނަނީ ހައިވޭއަކާ ދިމާއަށް މަގެއްގެ މައްޗަށެވެ. އެހެންނަމަވެސް މި ހާދިސާގައި މަގުމަތިން އެއްވެސް މީހަކަށް ގެއްލުމެއް -- އަނިޔާއެއް ލިބުނު ކަމަކަށް އޮފިޝަލުން ނުބުނެ އެވެ.

ބްލެކް ހޯކް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން އަސްކަރީ އޮފިޝަލުން ވާހަކަދައްކާކަށް އަދި ބޭނުމެއް ނުވެ އެވެ. އެހެންކަމުން މި ހެލިކޮޕްޓަރަކީ އެމެރިކާގެ ކޮން ހިސާބެއްގައި -- ކޮންތަނަކުން، ކޮންތަނަކަށް ދަތުރުކުރި ހެލިކޮޕްޓަރެއްކަން ސާފެއް ނުވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން މި ހެލިކޮޕްޓަރަކީ އަސްކަރީ ތަމްރިންތަކެއްގައި ވަރަށް ތިރިން ދަތުރުކުރި އުޅަނދެކެވެ. އެހެންނަމަވެސް ބްލެކް ހޯކްގެ ހުޝިޔާރުކަމާ އެކު ވެސް ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

އަސްކަރީ ތަމްރީންތަކުގައި ބޭނުންކުރާ ބްލެކް ހޯކް ހެލިކޮޕްޓަރުތަކަށް ސަބަބު ނޭނގޭ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ދިމާވެފަ އެވެ. އަސްކަރީ ފަރިތަކުރުން ތަކުގައި ހެލިކޮޕްޓަރު ބޭނުންކުރެވެނީ -- އޮފިޝަލުން ބުނާ ގޮތުން އާދައިގެ ދަތުރުތަކެއް ވުރެ ރާޅުކޮށެވެ.