ޖަރުމަނުގެ ހެމްބޯގު އެއާޕޯޓަށް ހަތިޔާރުއެޅި މީހަކު ކާރެއްގައި ވަދެގެންފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ ކާރާ އެކު އެއާޕޯޓަށް ވަދެގަތުމުގެ ކުރިން ވައިގެ ތެރެއަށް ދެ ފަހަރު ބަޑިޖަހައި، މުޅި ތަން ސަމާލުކަމަށް ގެނުވި އެވެ.
ހެމްބޯގު ފުލުހުން ބުނާ ގޮތުން މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
އެއާޕޯޓް ތެރެއަށް ކާރުގައި ވަދެގަތް މީހާ އެދިޔަ ގޮތަށް ގޮސް މަތިންދާބޯޓެއްގެ ބަނޑުދަށުގައި ކާރު ޕާކުކޮށްގެން އިން ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އޭނާގެ އަތުގައި -- ކާރުގައި ކުޑަކުއްޖަކު އިން ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ރޮއިޓާސް ބުނާ ގޮތުން މިއީ ދެމަފިރިއެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގެ ސަބަބުން ހިނގި ހާދިސާ އެކެވެ.
ޓެރަރިސްޓްގެ އަތުގައި އެ އިނީ އޭނާގެ ދަރިއެއް ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އެ ދެމަފިރިންގެ ދެމެދުގައި ދަރި ބަލަހައްޓާނެ މީހަކާ މެދު އުފުދުނު ޚިލާފުތަކެއްގައި -- ދަރި ގޮވައިގެން ފިލަން ބައްޕަ ބޭނުންވީ އެވެ.
ނަމަވެސް ހެމްބޯގް ފުލުހުން އަދި ރަސްމީ އިދާރާއަކުން މި ވާހަކަތައް ކަށަވަރުކޮށެއް ނުދެ އެވެ. މިއީ މި ދެމަރިފިންގެ ދެމެދުގައި ފޯނުން ދެކެވިފައި ހުރި ވާހަކަތަކަށް ރިއާޔަތްކޮށް ނޫސްތަކުން ހަބަރު ފަތުރާފައި ހުރި ގޮތެވެ.
މި ހާދިސާއާ ގުޅިގެން ހެމްބޯގް އެއާޕޯޓް އޮތީ ހުރިހާ ފްލައިޓަކަށް ބަންދުކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުން މިހާރު ހިނގަމުންދަނީ ދަތުރުވެރިން މަސަލަސްކޮށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެވެ.
ހެމްބޯގު އެއާޕޯޓަށް ފުރަން ގޮސް ތިބި ދަތުރުވެރިންނަށް ފްލައިޓްތައް އަލުން ތާވަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ އެއާޕޯޓުން ވެސް ވަނީ ބުނެފަ އެވެ. މި ހާދިސާއާ ގުޅިގެން 27 ފްލައިޓެއް މިހާތަނަށް ކެންސަލްކުރަން ޖެހުނު ކަމަށް އެއާޕޯޓުގެ ތަރުޖަމާން ވިދާޅުވި އެވެ.