ދުނިޔެ

ޖަރުމަނުގެ ބާލިންގައި މުސްލިމް ޓީޗަރުންނަށް ބުރުގާއަޅަން ހުއްދަ ދެނީ

ޖަރުމަނުގެ ވެރިރަށް ބާލިންގައި މުސްލިމް ޓީޗަރުންނަށް ބުރުގާ އެޅުމަށް ހުއްދަ ދޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުދަ ދުވަހު ބުނެފި އެވެ.

އެޑިޔުކޭޝަނުން ސްކޫލްތަކުގެ ވެރިންނަށް ފޮނުވި ލިއުމެއްގައި ބުނެފައިވާ ގޮތުން ބުރުގާ އަޅަން ބޭނުންވާ މުދައްރިސުންނަށް އެކަން މަނާ ނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ބުރުގާ ފަދައިން ދީނީ ގޮތުން ޓީޗަރުން ދަމަހައްޓާ ހެދުންއެޅުމުގެ އާދަތައް މަނާ ނުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ބާލިންގައި ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ބުރުގާ އެޅުމާއި ދީނީ ނިޝާންތައް ފެންނަ ގޮތަށް ހެދުންއެޅުން އަދި ދީނީ ޝިއާރުތައް ފާޅުކުރުމަކީ މީގެ ކުރިން -- 2005 ވަނަ އަހަރުން ފެށިގެން މަނާ ކަމެކެވެ.

އެހެން ނަމަވެސް، މުސްލިމު ޖަމާއަތްތަކުން ކޯޓުތަކަށް ހުށަހެޅި ޝަކުވާތައް އަޑުއެހުމަށްފަހު، އެކުއެކީގައި ހުރިހާ މީހުން ޝާމިލްވާ ގޮތަށް ބުރުގާ އެޅުން މަނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކޯޓުތަކުން ވަނީ ނިންމާފަ އެވެ.

ކޯޓުތަކުގެ ނިންމުމުގައިވަނީ ވަކި ސަބަބެއް ނެތި އަދި ސަލާމަތީ ގޮތުން ހާޖަތެެއް ޖެހިފައި ނެތް ހިނދު ބުރުގާ މަނާ ނުކުރެވޭނެ ކަމަށެވެ. ބުރުގާ މަނާކުރެވިދާނެ ހާލަތެއް ގޮތުގައި ފާހަަގަކޮށްފައިވަނީ ވަކި މީހެއްގެ ފަރާތުން އާންމު ފަރުދުންނަށް ނުރައްކާ ބޮޑުވެ އަދި ބުރުގަލަކީ ކުށެއް ކުރުމަށް ފަހު ފޮރިވިގަންނަން ބޭނުންކުރާ ސަބަބެއް ކަމަށްވާ ނަމަ އެ މީހަކަށް ފިޔަވަޅު އެޅުމަށެވެ.

ބުރުގާ މަނާކުރުމަކީ ވަކި ބަޔަކު ތަފާތުނުކުރަން އޮންނަ ގަވާއިދާ ފުށުއަރާ އަމުރެއް ކަމަށްވެސް ކޯޓުން ވަނީ ނިންމާފަ އެވެ. ދީނީ މިނިވަންކަން ދެމެހެއްޓުމަށް ބާލިންގައި ހުއްދަ މިންގަޑު ތެރޭގައި މުސްލިމް މުދައްރިސުންނަށް ބޯ ނިވައިކުރެވޭނެ ކަމަށްވެސް ކޯޓުން ވަނީ ނިންމާފަ އެވެ.