ދުނިޔެ

"މުސްލިމް ދަރިވަރުންނަށް އިހާނެތިކޮށް ހިތުނީތީ މާފަށް އެދެން"

ޖަރުމަނު ޔުނިވާސިޓީއަކުން އޮންލައިކޮށް ބޭއްވި އިމްތިހާނެއްގައި ބައިވެރިވި މުސްލިމް ދެ އަންހެން ކުދިންގެ ބުރުގާ ނަގަން އަމުރުކުރި މައްސަލަ ހޫނުވުމުން މެނޭޖްމަންޓުން މާފަށް އެދިއްޖެ އެވެ.

ޔުނިވާސިޓީން ބުނި ގޮތުން ބުރުގާ ނަގަން އެ ކުދިންނަށް އެންގި އެންގުން އެއީ ވިސްނާ ނުލައި ކުރެވުނު ކަމެކެވެ. ޔުނިވާސިޓީން އެކަން ކުރީ އިމްތިހާންގައި ޖިންސް އޮޅުވާލައިގެން ކުދިން މަކަރު ހަދާ ކަމަށް ވިސްނިފައި އޮތުމުން ކަމަށެވެ.

އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި މުސްލިމް ދަރިވަރުންނާ މެދު އެނޫން ގޮތަކަށް އަމަލު ކުރާނެ ކަމަށް ބުނެ ޔުނިވާސިޓީން ވަނީ މާފަށް އެދިފަ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުންނާއި ނުފޫޒު ގަދަ މަދަރުސާ / މުއައްސަސާތަކުން މުސްލިމުންގެ ކިބައިން މާފަށް އެދުމަކީ އާންމު ކަމެއް ނޫނެވެ. އެމީހުން ބަލަނީ މާފަށް ނޭދި ފަރުޖެއްސޭނެ ގޮތެކެވެ. މުސްލިމުންނަކީ އެމީހުން ދެކޭ ގޮތުގައި ދަށު ދަރަޖައިގެ ބަޔަކަށް ވާތީ މާފަށް އެދެން ލަދު ގަންނަނީ އެވެ.

މިފަހަރު މިދިމާވި ކަންތައް ގަނޑުގައި ޔުނިވާސިޓީން މާފަށް އެދުނީ އެނޫން ގޮތެއް ނެތިގެންނެވެ. ޔުނިވާސިޓީއަށް ވެގެން އުޅޭ ގޮތް އެނގުނުއިރު ސޯޝަލް މީޑިއާ އުތުރިއަރައި އޮތީ މެނޭޖްމަންޓްތައި ހުޅުޖަހާ ހިސާބުގަ އެވެ.

ޔުނިވާސިޓީން ފަހުން ބުނި ގޮތުން ދީނީ ހައްގުތައް ހިމާޔަތް ކޮށްދޭނެ އެވެ. މުސްލިމް ކަނބަލުންގެ ބޯ ނިވައި ކުރަން އޮޅާ ފޮތިގަނޑަކީ ފެޝަނެއް ނޫން ކަމަށާއި އެއީ ދީނީ ހައްގެއް ގޮތުގައި ބަލައިގަނެ ޔުނިވާސިޓީގެ އާންމު ގަވާއިދު ވެސް ބަދަލު ކުރާނެ ކަމަށެވެ.

އިހާނެތިކޮށް ހިތުނު ދެކުދިންގެ ދިފާއުގައި ސޯޝަލް މީޑިއާއަށް އެއްވި މީހުން ބުނާ ގޮތުން ޔުނިވާސިޓީން ދެއްކި ވާހަކައާ އަމަލާ ދިމާވޭތޯ އެމީހުން ބަލާނެ އެވެ. އަދި ތަފާރުކުރުމެއް އުޅޭ ނަމަ ދެކޮޅަށް ނުކުންނާނެ އެވެ.