ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓޭންމަޔާ ކިއެވްއަށް ވަޑައިގަތުމަށް އެދިވަޑައިގެން ހުށަހެޅި ހުށަހެޅުން ޔުކްރޭނުން ބަލައި ނުގެން އެކަމަށް އިންކާރު ކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އެކަމަށް އިންކާރު ކުރެއްވީ ރަޝިއާ އާއި ޖަރުމަނާ އޮންނަ އަޑިނޭނގޭ ގުޅުމުގެ ސަބަބުންނެވެ. އަދި ސްޓޭންމަޔާ އަކީ ރަޝިއާއަށް މީގެ ކުރިން ވަރަށް ކަމޭހިއްތެވި ލީޑަރަކަށް ވާތީ އެވެ.
ޒެލެންސްކީގެ މި ނިންމެވުމަކީ ޖަރުނާއި ޔުކްރޭނާ ދެމެދު ޚިލާފުތަކެއް އުފެދޭނެ ނިންމެވުމެއް ކަމަށް ބެލެވެ އެވެ. ޖަރުމަނުން މިހާރު ޔުކްރޭނާ ދޭތެރޭ ދެކޭ ގާތްކަމަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާނެ ކަމެއް ކަމަށް ވެސް ބެލެވެ އެވެ.
ސްޓޭންމަޔާ ޕޮލޭންޑަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ޔޫރަޕްގެ އެހެން ލީޑަރުން ފަދައިން ޔުކްރޭނަށް ވަޑައިގެން ޖަރުމަނުން ޔުކްރޭނަށް އަޅާލާކަން ސާބިތު ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ޔޫރަޕްގެ އެހެން ލީޑަރުން ވެސް ޔުކްރޭނަށް ވަޑައިގަންނަވާނެ ކަމަށާއި ކިއެވްގައި ޒެލެންސްކީއާ ބައްދަލު ކުރައްވަން އުންމީދު ކުރައްވާ ކަމަށެވެ.
"ކިއެވްއަށް ޒިޔާރަށް ކުރުމުގައި އަޅުގަނޑު ހަމަ އިޚްލާސްތެރި،" ރިޕޯޓަރުންނާ މުޚާތަބު ކުރައްވައި ސްޓޭންމަޔާ ވިދާޅުވި އެވެ.
"އެކަމަކު ކިއެވްއަށް އެގޮތް ކަމުދާހެން ހިއެއްނުވޭ،" ސްޓޭންމަޔާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކިއެވްގެ އިޚުތިޔާރާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާ ވަޑައިގަންނަވާނެ ކަމަށެވެ.
ސްޓޭންމަޔާ ވިދާޅުވި ގޮތުގައި ކިއެވްއަށް ވަޑައިގަތުމަށް ފުރަތަމަ ޚިޔާލުދެއްވީ ޕޮލޭންޑްގެ ރައީސް އަންދުރޭޖް ދުދާ އެވެ. އޭނާ ވިދާޅުވީ ދަތުރުގައި އެޝްޓޯނިއާ އާއި ލަޓިވިއާ އަދި ލިތުއޭނިއާގެ ލީޑަރުން ވެސް އޮތީ ކިއެވްއަށް ވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
ޖަރުމަނުގެ ރައީސް ވިދާޅުވި ގޮތުގައި ޔުކްރޭނާއެކު ޔޫރަޕް އޮތްކަން ސާބިތުކޮށް ދެއްވަން ޔޫރަޕް ގައުމުތަކުގެ ހުރިހާ ވެރިން އެދިވަޑައިގަންނަވަ އެވެ. އަދި ޔުކްރޭނަށް އެހީތެރިވުމަށް މުޅި ޔޫރަޕް އޮތީ އެއްބަސް ކިޔައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްޓޭންމަޔާ ޖަރުމަނުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު -- 2005 އިން 2009 އަށް އަދި ފަހުން 2013 އިން 2016، ރަޝިއާއާ އެކު ބަދަހި ގުޅުމެއް ދެމެހެއްޓެވި އެވެ.
ރަޝިއާއިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތުމުން ވެސް ރަޝިއާ ކުށްވެރި ކުރުމުގެ ވިސްނުން ޖަރުމަނު ގެންގުޅެފައި ނުވާ ކަމަށް ޔުކްރޭން ބުނެ އެވެ. އޭގެ ބަދަލުގައި ރަޝިއާއަށް އެހީތެރިވުމާއި އަދި މާލީ މުއާމަލާތްތައް ދަމަހައްޓާފައި ވާކަމަށް ވެސް ކިޔެވް ބުނެ އެވެ.