އެމްޑީޕީގެ ވެރި ކަމެއް ދެން ރާއްޖޭގައި ނާންނާނެ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ބޮޑު ތާއީދަކާއެކުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ފެއްޓެވި ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނުގެ ދެވަނަ ޖަލްސާގައި ރޭ ރިޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ހިނގި ދުވަސްވަރު ރާއްޖޭގެ އިގްތިސާދާއި ވެށި އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެ ވެށި އަމާންވެފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އޮތް ބިރުވެރިކަމާއި ނާމާންކަަން އަލުން ގެނައުމަށް ރިޔާސީ އިންތިހާބަކާ ދިމާއަށް ދާ އެމްޑީޕީ ބަލި ކުރައްވާނެ ކަމަށެވެ. އެ ޕާޓީއަށް ވެރިކަން ކުރަން އިތުރަކަށް ރާއްޖެއިން ޖާގައެއް ދީގެން ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީމު މި ތިބީ މީގެ ހަތަރު އަހަރު ކުރިން ރާއްޖެ އޮތް ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރާއްޖެ ސަލާމަތްކޮށް އަނެއްކާވެސް 2018 ވެސް ކާމިޔާބު ކުރަން... ދެން ދުވަހަކުވެސް އެމްޑީޕީަކަށް ވެރިކަމެއް ކުރާކަށް ޖާގައެއް ނެތް. އެ ފުރުސަތު އަޅުގަނޑުމެން ރައްޔިތުންނެއް ނުދޭނަން،" ރިޔާޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތިން އަހަރުގެ ވެރިކަމާއި މި ސަރުކާރުގެ ތިން އަހަރުގެ ވެރިކަން އަޅާ ކިޔުއްވަމުން ރިޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓު ސަޕޯޓެއްގެ ގޮތުގައި ޖީއެމްއާރްއަށް އެއާޕޯޓު ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ވިއްކާ ނުލައި ރިޒާވް އިތުރުކޮށް ޑޮލަރުގެ ދަތިކަން ފިލުވައިދީ ގިނަ ވިޔަފާރިތަކަށް މަގު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.