ޓޫރިޒަމް

މިއަހަރު 14 ރިސޯޓް ހުޅުވާނަން: މައުސޫމް

Apr 4, 2022
3

މި އަހަރު މުޅިން އަލަށް 14 ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރިޔާޒު ސުވާލު ކުރެއްވީ ތ. އަތޮޅުގައި ރިސޯޓް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވީ ނަމަވެސް އެ ރަށްތަކުގައި ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާތީ އާއި އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ އެކަމުގައި ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް އޮޅުންފިލުއްވުމަށެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތ. އަތޮޅާއި މުޅި ރާއްޖޭގައި ވެސް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. ތ. އަތޮޅުގައި މިހާރު ނުހެދި ހުރި ރަށްތަކެއް ހުރި ނަމަވެސް އެ އަތޮޅުން އެންމެ ފަހުން ރިސޯޓް ހަދަން ދޫކުރި ރަށް، އޮޅުފުށްޓަށް އެއް ބީލަން ލިބިފައިވާތީ އެ ރަށް ހުޅުވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވި އެވެ. އެރަށާ އެކު ބީލަމަށްލީ އެހެން ރަށްތަކުގެ ބީލަންތައް އިވެލުއޭޓް ކުރުމަށް ފަހު އަންނަ މަހު ރަށްތައް ހަވާލުކުރެވޭ ވަރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތ. ކަނިމީދޫއަކީ ކްރޮސްސަބްސިޑީގެ ދަށުން އެ މޮޑެލްގައި ތަރައްގީކުރަން ސަރުކާރުގެ ހާއްސަ އަމާޒެއް އޮތް ރަށެއް ކަމަށެވެ. އަދި އެ އަތޮޅުގައި އެއާޕޯޓެއް އޮތުމުން އިތުރު ރަށްތައް ތަރައްގީ ކުރަންޖެހޭ ކަމަށް މިނިސްޓަރު ގަބޫލު ވެސް ކުރެއްވެވި އެވެ.

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މައުސޫމް ވިދާޅުވީ 83 ރަށެއްގެ މަސައްކަތް "ގަލުގައި އަޅާފައި" ވާ ކަމަށެވެ. ނަމަވެސް ނުހެދި ހުރި ރަށްތަކަށް ސަރުކާރުން ހަމަޖައްސައިދޭ ލުއިތަކާ ކުރެވުނު މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރު ހަތް ރިސޯޓް ހުޅުވި ކަމަށާއި މި އަހަރު އިތުރު 14 ރިސޯޓް ހުޅުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 14 ރިސޯޓުން 3،742 އެނދު މާކެޓަށް އިތުރުވާނެ ކަމަށާއި އެނދު ގުނަނީ "ޓްރިޕްލް ބެޑް" ގެ ގޮތުގައި ނަމަ އެ އަދަދު 5،600 އެނދަށް އިތުރުވާނެ ކަމަށެވެ. މިދިޔަ އަހަރު ހުޅުވި ރިސޯޓުތަކާއި އަދި މިއަހަރު ހުޅުވާނެ ކަމަށް ބެލެވޭ ރިސޯޓްތަކުގެ ތެރޭގައި ތ. އަތޮޅުގެ ރަށެއް ނެތް ކަމަށްވެސް ފާހަގަ ކުރެއްވެވި އެވެ.

"ހޯމް ސްޓޭ މޮޑެލްގެ އަދި ގެސްޓްހައުސް މޮޑެލްގެ ދަށުން ވެސް ތ. އަތޮޅުގެ ރަށްތައް ތަރައްގީވެ ޓޫރިޒަމް ކުރިއަށްދާނެ ގޮތެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތ. އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އަތޮޅުގައި ރިސޯޓް ހަދަން މިވަގުތު ހަވާލުކޮށްފައި ވަނީ ފަސް ރަށެކެވެ. އެއީ ރުށްތިބިރަށް، ކަޅުދިޔަފުށި، އެކުރުފުށި ފިނޮޅު، އޮޅުގިރި އަދި އެލާ އެވެ. މި ރަށްތަކުގެ ތެރެއިން ކަޅުދިޔަފުށި، އެކުރުފުށި ފިނޮޅު އަދި އޮޅުގިރި މިއީ ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރްސީން ދޫކޮށްފައިވާ އަދި ބައެއް މައްސަލަތައް ވެސް ކުރިމަތިވެފައިވާ ރަށްތަކެކެވެ.

މައުސޫމް ވިދާޅުވީ ކަޅުދިޔަފުށީގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގެ 80 ޕަސަންޓް ނިމިފައިވާ ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ ރަށުގެ މަސައްކަތް ހުއްޓިފައިވާތީ އެރަށާ އެކު ރުށްތިބިރަށް، އެކުރުފުށި ފިނޮޅު އަދި އޮޅުގިރި ވެސް ނިންމަން ތިން އަހަރުގެ މުއްދަތެއް ސަރުކާރުން ދީފައިވާ ކަމަށެވެ.

އެ ފުރުސަތު ދިނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގަވައިދުގެ ދަށުންނެވެ.

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު ކޯޒްވޭ އެޅުމަށް ހަމަޖެހިފައިވާތީ ތ. އެލާ ސަރުކާރަށް ނަގާފައިވާ ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެގޮތަށް ނިންމީ ކޯޒްވޭގެ ތެރެއަށް އެލާ ވަންނާތީ އެވެ.

ތ. އަތޮޅުގައި މިވަގުތު ރިސޯޓެއްގެ ގޮތުގައި ހިންގަނީ ހަމައެކަނި "ކޯމޯ މާލީފުށި" އެކަންޏެވެ.