ރިސޯޓު ހެދުމަށް ދޫކުރާ ރަށްތަކުން ނަގާ ބިމު ކުލި ކުޑަކޮށްގެން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ.
ސަރުކާރުގެ ވައުދެއް ކަމުގައިވާ މިނިމަމް ވޭޖު ތަންފީޒު ކުރަން ފެށުމުން ރިސޯޓުތަކަށް ލިބޭ މާލީ ގެއްލުންތަކެއް ހުރުމުން އެ ގެއްލުމުގެ އަސަރު ކުޑަކުރުމަށްޓަކައި ބިމު ކުލި ކުޑަކުރުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގެ މަގުސަދުގައިވެ އެވެ.
އެމްޑީޕީގެ މެންބަރުންވެސް ހިމެނޭ ގޮތަށް ގިނަ މެންބަރުންގެ ފާޑު ކިޔުން މިބިލަށް އަމާޒުވެފައިވެ އެވެ.
ބިމު ކުލި ކުޑަކުރަން ހުށަހަޅާފައިވާ މައްސަލައިގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވުމުން މިނިސްޓަރު މައުސޫމް ވަނީ ކުލި ކުޑަކުރުން ދިފާއުކުރައްވާ ވާހަކަދައްކަވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް އާމްދަނީ ހޯދަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ބިމު ކުލި ކުޑަކުރުމުން ގިނަ ރިސޯޓުތަކެއް އަވަހަށް ހުޅުވަން ފަސޭހަވެ، ޓެކްސް އަށް ލިބޭ އާމްދަނީ މާބޮޑަށް ވެސް އިތުރު ވާނެ ކަމުގައި ވިދާޅުވި އެވެ.
"ދައުލަތަށް މިހާރު ފައިސާ ހޯދަނީ ޓެކްސް ނިޒާމުގެ ތެރެއިން. އެހެންކަމުން މާލޭގެ އުތުރުގެ ރަށްތަކާއއި މާލޭގެ ދެކުނު ރަށްތަކުގައި ރިސޯޓުތައް ތަރައްގީކުރާއިރު އެ ލިބޭ ބިމު ކުއްޔެއް ނޫން މިހާރު ދައުލަތަށް ފައިސާ ހޯދަން މިއޮންނަ މަގަކީ،" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބިމު ކުލި ކުޑަކުރުމަކީ "ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް"ގެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ކަމަށެވެ. ޓެކްސްގެ އަދަދުތައް އިތުރުވާ ގޮތުގެ ތަފްސީލްތައް ބިލްގެ ކޮމިޓީ މަރުހަލާގައި ހިއްސާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުން ނަގާ ބިމު ކުލި ކުޑަކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ބުނެފައިވާ ގޮތުން ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ.