ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތެދުވެރި ނޫން މީހުނަށް ގާސިމް ވަރަށް ރަނގަޅުވެފައި އިހުލާސްތެރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ރޭ ވާހަކަފުޅު ދައްކަވައިިފި އެވެ.
ވަރަށް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ރިޔާޒު ވިދާޅުވީ ގާސިމަކީ ޒުވާނުންނާއި ތައުލީމީ ގޮތުން ފާހަގަ ކޮށްލެވޭ މީހުން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށް ދެއްވުމުގައި ނަމޫނާއެއް ކަމަށެވެ. ގާސިމްގެ އެހީތެރިކަން ލިބިގެން މިދިޔަ 15 ވަރަކަށް އަހަރު ތެރޭ އުފެދުނު ކޮންމެ ސަރުކާރަކުން ވެސް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީއަށް ލިބިވަޑައިގަންނަވާ ހިއްސާއަށް އަބަދުވެސް ހަމަޖައްސަވަނީ އެފަދަ ބޭފުޅުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެއިން އެއްވެސް ފުރުސަތެއްގައި އާއިލީ ބޭފުޅުންނަށް ފުރުސަތު ނުދެއްވާ ކަމަށާ ނަމަވެސް އިތުބާރު ކުރައްވާ މަގާމުތައް ދެއްވާ ބޭފުޅުން އެންމެ މުހިންމު ވަގުތު ގާސިމް އާއި ޖުމްހޫރީ ޕާޓީ ދޫކޮށްލާ ކަމަށެވެ. ރިޔާޒު ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި ގާސިމަކީ އިހުލާސްތެރި ނޫން މެންބަރުންނަށް ވަރަށް ރަނގަޅަށް ކަންކަން ކޮށްދެއްވާ ބޭފުޅެކެވެ.
ރިޔާޒު ވަނީ މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޕާޓީއަށް ހިދުމަތް ނުކުރެވޭނެ ބޭފުޅުން މަގާމު ދޫކޮށްލައްވާ ޖުމްހޫރީ ޕާޓީއަށް ހިދުމަތް ކުރަމުންދާ ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.
"ގާސިމް އިބްރާހިމަކީ، އަޅުގަނޑަށް ފެންނަނީ ތެދުވެރި ނޫން މީހުންނަށް ވަރަށް އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި. އެމަނިކުފާނަށް ތެދުވެރި ނޫން މީހުންނަށް ވަރަށް އިހުލާސްތެރިކޮށް ކަންތައްތައް ކުރައްވަނީ. މިއީ ވަރަށް ހިތާމަހުރި ކަމެއް. އެހެންވީމަ މިއަދުވެސް އަޅުގަނޑު ގޮވާލަން ބޭނުންވަނީ މި ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭބޭފުޅުން އަމިއްލައަށް އެ ބޭބޭފުޅުން ވިސްނަވާފައި އެ ބޭބޭފުޅުންނަށް މި ޕާޓީއަށް ހިދުމަތްކޮށް ނުދެވޭ ކަމުގައިވަނީނަމަ އޭގެ އެންމެ ރީތި ގޮތަކަށްވާނީ ލީޑަރަށް [ގާސިމް އިބްރާހިމް] ދަންނަވާލައްވާފައި އެހެން ފަރާތަކަށް ޖެހިލައްވާފައި އެ ސްލޮޓް މި ޕާޓީއަށް ހިދުމަތް ކުރައްވާ ކޮންމެވެސް ބޭފުޅަކަށް ދިނުމަށް ފަހު މި ޕާޓީ ކުރިއަރުވަން ފުރުސަތު ދިނުމަށް. މި ވާހަކައެއް މި ޕާޓީގެ ލީޑަރު ވިދާޅެއް ނުވާނެ،" ރިޔާޒު ވިދާޅުވިއެވެ.