ޖުމްހޫރީ ޕާޓީ

"ޖޭޕީގެ ލީޑަޝިޕުން ގާސިމްގެ ކޮންމެ ނިންމުމަކަށް ތާއިދުކުރާނެ"

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާ ކޮންމެ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް ޖޭޕީގެ ލީޑަޝިޕުން ބުނެފި އެވެ.

ޖޭޕީގެ ކޮންގްރެސްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ގާސިމް އިބްރާހިމް ކޮންމެ ޕާޓީއަކާއި ގުޅިވަޑައިގެންނެވި ނަމަވެސް ފަހަތްޕުޅުން ވަޑައިގަންނަވާނެ ކަމަށާއި އިންތިހާބެއްގައި ވާދަކުރައްވަން ނިންމަވައިފިނަމަ ތާއިދުވެސް ކުރައްވާނެ ކަމަށެވެ.

"ގާސިމް އަރިހުގައި ގާސިމު ނިންމި ގޮތަކަށް އަޅުގަނޑުމެން ގާސިމްއާއި އެކު މިހުރީ. އެމަނިކުފާނު ނިންމެވީ މާދަމާ ކޮން ޕާޓީއަކާއެކު ދާންތޯ ނުވަތަ އަމިއްލައަށް ނިކުންނަވަންތޯ ނޫނީ ޕާޓީއާއިއެކު އަނެއްކާވެސް ދާންތޯ، އަޅުގަނޑުމެން ތިބޭނީ އެމަނިކުފާނާ އެކު،" ރިޔާޒު ވިދާޅުވި އެވެ.

ގާސިމުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު ވިދާޅުވީ އޭނާއަށް ޕާޓީގެ އެތެރެއިންނާއި ބޭރުންވެސް ޝައްކު އުފައްދަފާނެ ކަމަށާއި ނަމަވެސް އޭނާ ހުންނަވާނީ ގާސިމްގެ އަރިހުގައި ކަމަށެވެ. އަދި އެކަން ގާސިމަށް އެނގިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހިމް ނިންމެވީ ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ ކަމަށާއި އެމްޑީޕީއާއި އެކު ކުރިއަށްް ވަޑައިގަތުމަށް ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އިހަށް ދުވަހުވެސް ދިޔައިންތާ. މިދިޔަ އަހަރު ފެބްރުއަރީ މަހު އަޅުގަނޑުމެން ކޮމަންޑޫ ދާއިރާއަށް ގޮއްސަ އެމްޑީޕީއަށް ގޮނޑިއެއް ހޯދައިދިނިން،" އާރިފް ވިދާޅުވި އެވެ.

ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ގާސިމު ކުރެއްވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރައްވާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

ޖޭޕީގެ ޕްރެސް ކޮންފަރެންސްގައި މިއަދު މައުލޫމާތު ދެއްވުމަށް ތިއްބެވީ ކުރިން ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންތަކަކަށް ވާތީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ގާސިމް އަރިހުގައި ތިއްބެވޭނެތޯ ނޫސްވެރިން އެބޭފުޅުންނަށް ސުވާލުކުރެއްވި އެވެ. ގާސިމްއާ އެކު ތިއްބަވާނެ ކަމަށް ޔަގީންކަން ދެއްވަމުން އެބޭފުޅުން ނޫސްވެރިންގެ ކިބައިން އެދިވަޑައިގަތީ ޝައްކު ނުކުރެއްވުމަށެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް އަލީ އާރިފް ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވާ 168 ކައުންސިލް މެންބަރުންގެ ނިންމުމުގެ މައްޗަށް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

ޖޭޕީގެ ކޮންގްރެސްގައި ގާތްގަނޑަކަށް 900 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށްވެސް ޖޭޕީން ވަނީ ބުނެފަ އެވެ.