ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް އެ މެންބަރަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމުގެ ބާރު ގާސިމް އިބްރާހީމަށް ދެއްވާފަ އެވެ.
ނިމިގެން ދިޔަ ތިން ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީއަށް ލިބުނު ހިތި ނަތީއްޖާއަށް ބެލުމަށްފަހު ގާސިމް ނިންމެވީ މިއަހަރުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ޕާޓީގެ ނަން ބޭނުންނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށެވެ.
"ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމުގައި އަޅުގަނޑު ދެކޭތީ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ." ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް މަސައްކަތް ކުރެއްވި އެވެ.