ގާސިމް އިބްރާހިމް

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މިއަދު އެކުލަވާލަން ފަށާފައިވާއިރު ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން އެ ކޮމިޓީގެ މުގައްރިރަކަށް ގާސިމް ހޮވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ނައިބް މުގައްރިރަކަށް ހޮވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

މާލިއްޔަތު ކޮމިޓީގައި ހިމެނޭ އެހެން ބޭފުޅުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހްއާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއާއި، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.

ގާސިމް އިބްރާހީމާއި އަހްމަދު ނާޒިމަކީ މީގެކުރިން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވެވި ދެ ބޭފުޅުންނެވެ.