އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމްގެ މަންދޫބު އަދި އެޑްވައިޒަރު އިލްހާމް އަހްމަދާއި ބައްދަލުފުޅު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އެމްޑީޕީގެ މެންބަރުންނަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މި ބައްދަލުވުމުގައި ދެއްކެވި އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދު ގާސިމްގެ މަންދޫބާއި ބައްދަލު ކުރައްވާފައި މިވަނީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއިދު ކުރައްވަން އުޅުއްވާ ކަމުގެ ތުހުމަތެއް މިއަދު އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފް ވަނީ ޖޭޕީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އިންތިހާޞު ކުރުން ކިހިނެއް ވާނެތޯ ސުވާލުވެސް އުފައްދަވާފަ އެވެ.
"ކިހިނެތްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިން މޭޓަކާއި އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން،" ހަސަން ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާ ބަންދުގައި ޖޭޕީން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
ޖޭޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގަ އާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.