ޕޮލިޓިކްސް

ވެންޓިލޭޓަރުގައި އޮތަސް މައުމޫނާއި ގާސިމް ބޭނުންވަނީ ވެރިކަން: ދޮންބިލަތް

ވެންޓިލޭރަށްލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ވެރިކަން ބޭނުންފުޅުވާ ބޭފުޅުން އެބަ ތިއްބެވި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ފާޑުވިދާޅުވެއްޖެ އެވެ.

ވަކި ނަމެއް ވިދާޅުނުވެ، ރައީސް މައުމޫނާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމަށް އިޝާރާތް ކުރައްވައި އެ ދެ ބޭފުޅުންނަށް މެންބަރު ހަލީމް ފާޑުވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ހަލީމް ވިދާޅުވީ ވެރިކަން ބޭނުންފުޅުވާ ބޭފުޅުންތަކެއް ގެއްލި އެތައް ދުވަހަކު އޮންނެވުމަށް ފަހު އިއްޔެ ރައީސް ވަހީދުގެ ދިފާއުގައި ބަޔާންތައް ވެސް ނެރުއްވި ކަމަށެވެ. -- މައުމޫނާއި ގާސިމް ވަނީ ވަހީދަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށްފަ އެވެ. --

"ވެންޓިލޭޓަރުގައި އޮތަސް ޕާޓީއެއް ހައްދަވައިގެން ލީޑަރުކަން ކުރައްވަން އުޅުއްވާ ބޭފުޅުން އިއްޔެ [ވަހީދާ އެއްކޮޅަށް] ބަޔާން ނެރުއްވާފައި އެބަހުރި. އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ލީޑަރު މިހާރު ވެސް އޮންނަވާނީ ވެންޓިލޭޓަރުގައި ހެން، އެއީ ވެރިކަން ބޭނުންވެގެން މި އުޅޭ ބޭފުޅުން،" ހަލީމް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ރައީސް ވަހީދަށް ފުރައްސާރަ ކުރުމުން ރައީސް މައުމޫނާއި ގާސިމް ކުށްވެރި ކުރެއްވިއިރު، ރައީސް ނަޝީދު ދިފާއު ކުރެއްވީ ޖެރޯ އެވެ. ނަޝީދު ވިދާޅުވަނީ ވަހީދު ވެރިކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކޮށްގެން ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށާއި ވަހީދު ފެނުމުން "ބާޣީ" އަށް ގޮވޭނެ ކަމަށެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.