ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނުއަސާސީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހަޅުއްވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ ގާސިމް ހުށަހެޅުއްވީ މުހިއްމު އިސްލާހެއް ކަމަށެވެ. ގާސިމް އިސްލާހާ އެކު މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލީހުގެ ދައުރާ ބެހޭ ގޮތުންވެސް ވިސްނުން މުހިއްމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވާނެ ކަމަށެވެ. އަދި އެއީ އިގްތިސާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް ކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅަން ގާނޫނު އަސާސީގައި ހިމަނާފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެހެން ކަމުން ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށް ގާސިމްގެ އިސްލާހުގައި ހުށަހަޅުއްވާފައިވެ އެވެ.
ގާސިމް މިފަދަ އިސްލާހެއް ހުށައެޅުއްވިއިރު ކޮންމެ ފަސް އަހަރަކުން މަޖިލީހަށް ދަނީ މެންބަރުން އިތުރުވަމުންނެވެ. 17 ވަނަ މަޖިލީހުގައި ތިބީ 77 މެންބަރުންނެވެ. 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއިރު މިހާރު ހިނގަމުންދާ 19 ވަަނަ މަޖިލީހުގައި 87 މެންބަރުން އެބަތިއްބެވި އެވެ.