ރިޔާޒް ރަޝީދު

ގާސިމްގެ އެޑްވައިޒަރަކަށް ރިޔާޒް ރަޝީދު

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ރިޔާޒް ރަޝީދު ހަމަޖައްސައިފި އެވެ.

ޖޭޕީން މިއަދު ބުނީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތު ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު، މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. ރިޔާޒް ރަޝީދު އެ މަގާމަށް ހަމަޖެއްސި އިރު އެ މަގާމުގައި ކުރިން ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ވެސް މިއަދު އެވެ.

ރިޔާޒް ޖޭޕީއާ ގުޅިވަޑައިގަތީ ނޮވެންބަރު 29، 2018 ގައެވެ. އޭނާ ވަނީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޖޭޕީގެ ޓިކެޓްގައި ވިލުފުށީ ދާއިރާއަށް ވާދަ ކުރައްވާފަ އެވެ. ނަމަވެސް އެ އިންތިޚާބުގައި ރިޔާޒްގެ މައްޗަށް ކުރި ހޯއްދެވީ ވާދަވެރިޔާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.

ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ރިޔާޒް ހަމަޖައްސާފައިވާއިރު، ގާސިމްގެ ލީގަލް އެޑްވައިޒަރަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ހަމަޖައްސާފަ އެވެ. އަދި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި މިހާރުވެސް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހުމަދު ތިއްބަވަ އެވެ. އަދި ކުރިން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ފެންކުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްވެސް ކުރިން އެ މަގާމަށް ހަމަޖެއްސި އެވެ. ނަމަވެސް ފަހަކަށް އައިސް ގާސިމްގެ އަރިހުގައި ހުންނަވާތީ ފަހަކަށް އައިސް ފެންނަނީ އިލްހާމް އެކަންޏެވެ.