ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހުޅުމާލެ ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އައިޝަތު ނަހްލާ އަކީ ރައްޔިތުންނަށް އިހްލާސްތެެރި ވަފާތެރި މެންބަރަކަށް ވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ނަހްލާގެ ފިރިކަލުން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ނަހްލާ ވާދަކުރައްވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް މަދަނީ، އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ފުރުސަތުތައް ފަހިކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ.
"ހުޅުމާލޭ ދެކުނުދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ޕާޓީގެ ނައިބް ލީޑަރު އައިޝަތު ނަހްލާ އެވެ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަކީ އެ މަޖިލީހަކަށް ތަޖުރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި، އަމާނާތްތެރިން އިންތިހާބު ކުރާންޖެހޭ ތަނެއް ކަމަށެވެ. ހުޅުމާލެ ދެކުނު ދާއިރާ އާއި ދިވެހި ގައުމުގެ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި، ވަފާތެރި މެންބަރެއް ކަމުގައި ނަހްލާ ވެގެންދާނެ ކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ލިބިގެން ދިއުމެވެ." ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހްލާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ގާސިމް ވިދާޅުވި އެވެ.
ނަހްލާ ކުރިމަތިލައްވާފައިވާ ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ދެ ވަޒީރަކުވެސް ވާދަކުރެއްވުމަށްޓަކައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގެންދަވަނީ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުކުރުމުގެ ގޮތުން ޕްރައިމަރީގައި ވާދަކުރައްވަމުންނެވެ. އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ގެންދަވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށްޓަަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުންނެވެ.