އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓަށް ހޭލުންތެރިކުރުވަން އީސީން ހުކުރު ދުވަހު ހެދިގޮނޑުދޮށަށް

Jan 18, 2017

އަންނަ އޭޕްރީގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އަންނަ ހުކުރު ދުވަހު ހަރަކާތެއް ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗްގައި ހަވީރު 4:00 ން ރޭގަނޑު 10:00 ށް ކަމަށެވެ. މި ހަރަކާތުގައި ލިސްޓްގައި އެ މީހެއްގެ ނަން އޮތްތޯ ޗެކް ކޮށްދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ހަރަކާތުގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމާއެކު ކުޑަ ކުދިންނަށް ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އޭގެ ތަފުސީލެއް އީސީއަކުން ނުދެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ބަލައިގަންނާނީ ހުކުރު ނޫން ކޮންެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށެވެ. ހުކުރު ދުވަހު ހަވީރު 3:00 އިން 5:00 އާ ދެމެދު އެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ، ބާ ޖަމާލުއްދީން އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެ އެވެ.