ވިޔަފާރި

ރާއްޖޭގެ އިގްތިސާދީ ދުވެލި 4.3 ޕަސެންޓްގައި ހިފެހެއްޓޭނެ: ވޯލްޑް ބޭންކް

Jan 19, 2017
  • ޓޫރިޒަމްގެ ހީނަރުކަމުން މިއަހަރު އަރައިގަނެވޭނެ
  • ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އެބަ އޮތް
  • ސިޔާސީ ހަލަބޮލިކަމަކީ އިގްތިސާދަށް ހުރަހެއް

ރާއްޖޭގެ ޓޫރިޒަމް އަލުން ރަނގަޅުވެ، ރާއްޖޭގެ އިގްތިސާދީ އެވްރެޖްކޮށް 4.3 ޕަސެންޓްގައި ކުރިއަރާނެ ކަމަށް، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައި ވަނީ 3.5 ޕަސެންޓްގަ އެވެ.

މިއަހަރުގެ ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ މިންވަރާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އާންމުކުރި، "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓް"ގައި ބުނެފައި ވަނީ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ އިމާރާތް ކުރުމުގެ ދާއިރާ އާއި ރާއްޖޭގެ އިންފްރަސްޓްރަކްޗާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރި ހޭދަތަކުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ހީނަރުވި ނަމަވެސް މިއަހަރުގެ ތެރޭގައި އަލުން ޓޫރިޒަމް ރަނގަޅުވެ، އޭގެ ނަތީޖާއެއްގެ ގޮތުން 2017-2019 ވަނައަހަރާ ދެމެދު ރާއްޖޭގެ އިގްތިސާދުގެ އެވްރެޖްކޮށް 4.3 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ރިޕޯޓްގައިވެ އެވެ. އެކި ބައްރުތަކުގެ އިގްތިސާދުތަކުގެ މައްޗަށް ތަފްސީލްކޮށް ބަލާލައިފައިވާ އެ ރިޕޯޓްގައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން، ޖީޑީޕީ، ކުރިއަރާނީ 3.9 ޕަސެންޓްގަ އެވެ. އަދި 2018، 2019 ގައި ޖީޑީޕީ ކުރިއެރުން ހުންނާނީ 4.6 ޕަސެންޓްގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނެގި އަދަދު އިތުރުވުމުގެ ސަބަބުން، ރާއްޖޭގެ ދަރަނި މިއަހަރު ވެސް އިތުރުވުމުގެ ކަންބޮޑުވުން ފާޅުކުރަމުން ވޯލްޑް ބޭންކުން ބުނީ، މިއަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް އޮތް ނުރައްކަލަކީ ބޮޑުވަމުން ދާ ދަރަންޏާއި ރާއްޖޭގެ ސަލާމަތްތެރިކަން އަދި ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލި މާހައުލު ކަމަށެވެ. ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ޕާކިސްތާން އަދި ސްރީލަންކާގެ ބޮޑުވަމުންދާ ދަރަންޏާ މެދު ވެސް ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވާ ނަމަ، އިންވެސްޓްމަންޓްތަކަށް އެކި ފަރާތްތަކުން ފައިސާ ނެގުމުގެ އަގު ނޫނީ އިންޓަރެސްޓް ބޮޑުވެ އެއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ބޮޑު ކަންބޮޑުވުމަކަށް ވާނެ އެވެ. މީގެ އިތުރަށް މި ސަރަހައްދުގެ ސަލާމަތްތެރިކަމާއި ސަރަހައްދީ އިމުގެ މައްސަލައިގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ބިރުވެރިކަން މި ސަރަހައްދުގެ ހުރިހާ ގައުމުތަކަށް އޮތް ކަމަށް ވެސް ވޯލްޑް ބޭންކް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރަށް ގައުމުތަކުގެ ސަލާމަތީ ކަންކަމަށް ކުރަން ޖެހޭ ހަރަދު އިތުރުވެ ދައުލަތުގެ ހަރަދުތައް އިތުރު ވުމުގެ ނުރައްކާ ވެސް ސަރަހައްދުގެ ގައުމުތަކަށް އޮތް ކަން ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

ތެލުގެ އަގުތައް މިއަހަރުގެ އެހާ ބޮޑަށް މައްޗަށް ދާނެ ކަމަށް ލަފާ ނުކުރެވޭތީ މި ސަރަހައްދުގެ އިންފްލޭޝަން ނޫނީ ތަކެތީގެ އަގުތައް މައްޗަށްދާ ނިސްބަތް އެވްރެޖްކޮށް ހަ ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް މިއަހަރު ވެސް ހޯދާނީ އިންޑިއާ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އިންޑޮއާގެ އިގްތިސާދު 7.6 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާކުރާ އިރު ވޯލްޑް ބޭންކުން ބުނަނީ މި ސަރަހައްދުގެ އިގްތިސާދުގެ ކުރިއެރުން ހުންނާނީ 7.1 ޕަސެންޓްގައި ކަމަށެވެ.