ހަބަރު

އެންމެ ރަނގަޅަށް ލިޔެކިޔުންތައް ބަލަހައްޓާ ބަޔަކަށް ފުލުހުން

ތަނުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓައި، އެކަމަށް އެންމެ ބޮޑު ފަރުވާތެރިކަމެއްދެނީ ފުލުހުންގެ އިދާރާއިން ކަމަށް ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް، ގައުމީ އަރުޝީފު އިން ބުނެފި އެވެ. ގައުމީ އަރުޝީފުން ވަނީ ލިޔެކިޔުންތައް އެންމެ ރަނގަޅަށް ބަލަހައްޓާ ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީ އަދި ކުންފުނިތަކަށް މިއަހަރުން ފެށިގެން އެވޯޑެއް ދޭން ނިންމާފަ އެވެ.

ގައުމީ އަރުޝީފުން މިއަދު ފާހަގަކުރާ އެ އިދާރާގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ އޮފީހުން ކުރާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާތިރު ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެތަންތަނުގެ ލިޔެކިޔުންތަކާމެދު ފަރުވާތެރިވާ މިންވަރު ބެލުމަށް ކުރި ދިރާސާއިން އެންމެ މަތީ މާކުހެއް ހޯދާފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށެވެ. އެކަމަށްޓަކައި، މިއަހަރުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެވޯޑެއް ދޭނެ ކަމަށެވެ.

ތަނުގެ ލިޔެކިޔުންތައް ގާނޫނުގައިވާ ގޮތަށް ރައްކާތެރިކަމާއެކު، ގަވާއިދުން ބަލަހައްޓާ ފަރާތްތަކަށް އެވޯޑުދޭން ނިންމާފައިވަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ އެންމެ ރަނގަޅު މިނިސްޓްރީ، ކުންފުނި، ކައުންސިލް، އަތޮޅު ކައުންސިލް އަދި މުއައްސަސާ މި ކެޓަގަރީތަކުންނެވެ.

އަރުޝީފުން ބުނީ، ދައުލަތުގެ ރަސްމީ ލިޔުންތަކާއި، ފޮޓޯ އާއި ރިކޯޑުތަކާއި އެނޫންވެސް ލިޔެކިޔުންތައް އާކައިވް ކުރަން އެ އިދާރާއިން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ އެކަންކަމަށް އޮފީސްތަކާއ މީހުން ހޭލުންތެރިކުރުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހަތަރު އަތޮޅަކަށް ގޮސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތައް އަރުޝީފުގެ ދަށަށް ގެނެސް އެތަކެތި އިލެކްޓްރޯނިކްސް ވަސީލަތްތަކާއި ނިޒާމްތަކުން ރައްކާތެރިކޮށް ބެލެހެއްޓުމަށާއި މަރުކަޒީ ނިޒާމަކުން ރިކޯޑް މެނޭޖްމަންޓް ސްޓޯރޭޖެއް ގާއިމްކުރުމަކީ އަރުޝީފުގެ ޒިންމާއެކެވެ. އެ ޒިންމާގެ ދަށުން، ސަރުކާރު އޮފީސްތަކުގެ ލިޔެކިޔުން ރައްކާތެރިކޮށްފައި ހުރި ގުދަންތައް ހުސްކޮށް، އެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ފަށާފައިވާ ކަމަށް އަރުޝީފުން ވަނީ ބުނެފަ އެވެ. މި ޕްރޮޖެކްޓް ނިމޭއިރު ސަރުކާރުގެ އޮފީސްތަކުގެ ވަރަށް ބޮޑު ޖާގަ ހުސްކުރެވި، ލިޔެކިޔުންތައް ބަލަހައްޓަން ކުރާ ހަރަދު އެތައް ގުނައެއް ކުޑަކުރެވިގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތަކާއި ތާރީހީ ފަތްފުއްތަކުގެ ގޮތުގައި ހިމެނޭ އެންމެހާ ތަކެއްޗެއް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެއްތަނަކުން ފެންނަން ހުންނާނެހެން އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ރާއްޖޭގެ ގައުމީ އަރުޝީފުގެ ނަމުގައި އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.