މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ރާއްޖެއަށް ލިބުނު ނަތީޖާތަކުގެ ފައިނަލް އެނަލިސިސް އެއް އަދި ހަދާފައި ނުވާކަމަށާއި ނަމަވެސް ފެންނަން ހުރި ނަތީޖާތަކަށް ބަލާއިރު ނަތީޖާތަކަށް ރަނގަޅު ކުރިއެރުމެއް އައިސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ނަތީޖާތަކަށް އައި ބަދަލާ ގުޅޭ ފައިނަލް ބްރީފިން އެއް ވަރަށް އަވަހަށް ނެރޭނެ އެވެ.
މިދިޔަ އަހަރުގެ އޯލެވެލްގެ ޖުމްލަ ނަތީޖާއަށް އައި ބަދަލުތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، މުޅި ރާއްޖޭގެ އޯ ލެވެލް ނަތީޖާއަށް އައީ ކުރިއެރުމެއްތޯ ނޫންތޯ ޔަގީންވާނީ ހުރިހާ ނަތީޖާތަކެއް ލިބި އޭގެ އެނަލިސިސް އެއް ހެދިގެން ކަމަށެވެ. އެހެން ނަމަވެސް އިމްތިހާނުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުން ވެސް ހިމަނައިގެން ބައިވެރިވި ކުދިންގެ ނަތީޖާތަކަށް ކުރިއެރުމެއް އައިސްފިކަމަށް ބުނުމުގެ ފުރުސަތު ފެންނަން ހުރި ނަތީޖާތަކަށް ބަލާއިރު އެބައޮތް ކަމަށެވެ.
"އިމްތިހާނުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅޭ ކަނޑައެޅިގެން ރަސްމީކޮށް ބުނަން އަދި ވަރަށް އަވަސް. ސަބަބަކީ ނަތީޖާތައް އަދި އެނަލައިޒް އެއް ނުކުރެވޭ. މިއަހަރު ކެމްބްރިޖް އިން ނަތީޖާތައް ދޫކޮށްފަ މިވަނީވެސް އެހެން ފަހަރުތަކަށްވުރެ އަވަހަށް. އާންމުކޮށް ކުރިން ދޫކުރަނީ ވިހީގެ ފަހުން. ހުރިހާ ކުދިންގެ ނަތީޖާ އެއްކޮށް މިނިސްޓްރީއަށް ކެމްބްރިޖުން ފޮނުވާނެ ކަމަށް ބެލެވެނީ އެހާ ތާނގަ. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ތިއަށް ޖަވާބު ދޭން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުން ނަތީޖާތައް މިނިސްޓްރީއަށް ފޮނުވަމުން އަންނަ ކަމަށެވެ. ނަތީޖާ ފޮނުވާ މިންވަރަކުން އައި ބަދަލުތައް ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފާއިތުވި ދެ އަހަރު ތެރޭ، އިސްލާމް ދިވެހި ހިމެނޭ ގޮތަށް، ރާއްޖޭގެ އޯ ލެވެލް ނަތީޖާއަށް ވެއްޓުމެއް ނައިސް ކުރިއަރާފައިވެ އެވެ.
އެސް އެސް ސީ އިމްތިހާނަށް ބަލާއިރު، މި އަހަރު އެޑިއުކޭޝަނުން ވަނީ އިސްލާމް ދިވެއްސަށް ވެސް "އޭ ސްޓާ" ތައާރަފް ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، މި އަހަރަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު އިސްލާމް ދިވެހިން "އޭ" ހޯދި ކުދިން އިތުރު އަހަރެކެވެ.
މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ސްލިޕް ސެންޓަރުތަކުން ދޫކުރަން ފެށީ އިއްޔެ އެވެ. ފެބްރުއަރީ ހަތް ވަނަ ދުވަހާ ހަމައަށް ސެންޓަރުތަކުން ނަތީޖާ ދޫކުރާނެ އެވެ.