ހަބަރު

އަނަންތާރާ އިން ހިޔާގެ ކުދިންނަށް ވަޒީފާގެ ދޮރު ހުޅުވާލަނީ

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ރިސޯޓް ދާއިރާގެ އެކި ފުރުސަތުތަކާ ބެހޭ ތަމްރީން ދޭ އިންޓާންޝިޕް ޕްރޮގްރާމްތަކެއް ހިންގަން އަނަންތާރާ ދިގު ރިސޯޓް އިން ޖެންޑާ މިނިސްޓްރީއާ އެކު މިއަދު އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މިއީ ރާއްޖޭގެ ރިސޯޓަކުން ޔަތީމު ކުދިންނަށް އަމާޒުކޮށް އެކުދިންގެ ކުރިއަށް ދާނެ ދާއިރާއެއް ރޭވުމަށް އެހީތެރިވެދިނުމުގެ ގޮތުން މިފަދަ ޕްރޮގްރާމެއް ފުޅާ ދާއިރާއެއްގައި ހިންގަން އިސްނަގާ ފުރަތަމަ ފަހަރެވެ.

"މައިނާ ހޯޕް"ގެ ނަމުގައި ކުރިއަށްގެންދާ މި އިންޓާންޝިޕް ޕްރޮގްރާމް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަނަންތާރާ ދިގު ރިސޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަތާއުﷲ ރަޝީދު އެވެ. އަނަންތާރާ ދިގު ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓްގެ ޖެނަރަލް މެނޭޖާ ކޮއެޓްޒާ ޑީސަލް އެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 16 އަހަރުން މަތީގެ ތިން ކުއްޖަކާ އެކު އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމާ ބެހޭގޮތުން ކޮއެޓްޒާ ވިދާޅުވީ، އެ ރިސޯޓްގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަށާ އެ ޕްރޮގްރާމަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް، ހާއްސަކޮށް ޔަތީމް ކުދިންނަށް ކުރިމަގު ބިނާކުރަން ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ފުޅާ ދާއިރާއަކަށް ވާއިރު، ކުދިންނަށް ދާއިރާ ތައާރަފްކޮށްދީ މި ދާއިރާގެ މީހުންނާ ގުޅުން ބަދަހިކޮށް، ލީޑާޝިޕް ހުނަރު ބިނާކުރާނެ ގޮތްތައް މި ޕްރޮގްރާމުގެ ތެރޭން ދަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަސް ދާއިރާއަކުން އަޅުގަނޑުމެން މި ކުދިން ތަމްރީން ކުރާނަން. އެހެންވީމަ ކުދިންނަށް މިއީ ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ގަބޫލުކުރެވޭ. ޕްރޮގްރާމްގެ މުއްދަތުގައި އެކުދިން މި ރިސޯޓުގައި މަސައްކަތް ކުރާނެ. އޭރުން މި ޕްރޮގްރާމް ނިމޭއިރު މިކުދިންނަށް އެނގޭނެ އެކުދިން ދެން ކުރިއަށްދާން ބޭނުންވަނީ ކޮން ގޮތަކަށް ކަން،" ޖީއެމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމް ނިމުމުން ކުދިންގެ ހުނަރަށް ބަލައި އެ ރިސޯޓުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ. ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިންނަށް ޕޮކެޓް މަނީގެ އިތުރަށް ރިސޯޓުގެ މުވައްޒަފުން ފަދައިން އެކޮމޮޑޭޝަނާއި ކެއުން ފޯރުކޮށްދޭނެ އެވެ.

ޕްރޮގްރާމާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މިއީ ހިޔާގެ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެ ވަރަށް ތައުލީމީ މުހިއްމު ޕްރޮގްރާމްތަކެއް ކަމަށެވެ. ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކެރިއާ ބިނާކުރާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ޖެންޑާ މިނިސްޓްރީން އަބަދުވެސް ކުރާ މަސައްކަތެއް ކަމަށާއި، މިނިސްޓްރީގެ އެ މަސައްކަތްތަކަށް ބާރު ދިނުމުގެ ގޮތުން އަނަންތާރާއިން ނެގި އިސްނެގުމަށް މިނިސްޓަރު ޒެނީޝާ ވަނީ ޝުކުރު ދަންނަވާފަ އެވެ. މައިނާ ހޯޕް އިންޓާންޝިޕް ޕްރޮގްރާމް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދަން ނިންމާފައިވާއިރު، ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް އެ ޕްރޮގްރާމަށް ހިޔާއިން ކުދިން ނަގާނެ އެވެ.