ހަބަރު

ނިންމުންތައް ތަންފީޒު ނުވާތީ ކަންބޮޑުވަމުން އިލްމްވެރިން މަހާސިންތާ ނިންމާލައިފި

  • ކުރީގެ މަހާސިންތާގެ ނިންމުންތައް ތަންފީޒު ކުރުމަށް ގޮވާލި
  • މޫނު ބުރުގާ އެޅުން ފަދަ ދީނީ ކަންކަމަކީ ހައްދުފަހަނަ އެޅުމެއް ނޫން
  • އެކި ދީންތަކުގެ މީހުންނަށް ރާއްޖޭގައި ރައްކާތެރިކަން އޮންނާނެ

މިދިޔަ އަހަރު ވެސް ބޭއްވުނު އިލްމްވެރިންގެ މަހާސިންތާއިން ނިންމި ކަންކަން ތަންފީޒުވެފައި ނުވާތީ، އެކަންކަން ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލަމުން އިލްމްވެރިންގެ މަހާސިންތާގެ ހަތަރު ވަނަ ބައްދަލުވުން މިރޭ ނިންމާލައިފި އެވެ.

"މާތްﷲ ގެ އިންތަކުން ފަހަނައަޅާ ދިއުން" މި މައުލޫއަށް 50 އިލްމްވެރިއަކު ބައިވެރިވެގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމާލުމުގެ ގޮތުން މައުލޫމާތު ދެއްވަމުން ޝެއިހް އަލީ ޒާހިރު ވިދާޅުވީ، މިދިޔަ އަހަރުގެ މަހާސިންތާގައި އިލްމްވެރިން ވަރަށް މުހިންމު ކަންކަން ނިންމައި ތަންފީޒު ކުރުމަށް އެދުނު ކަމަށާއި ނަމަވެސް މުހިންމު ކަންކަން ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން ގާނޫނަތައް ހަދާއިރު އެ ގާނޫނުތަކަށް ދީނީ ގޮތުން ލަފާދޭނޭ އިލްމްވެރިއަކު މަޖިލީހުގައި ހަމަޖައްސާފައި ބެހެއްޓުމާއި ހެޔޮކަންކަމަށް އަމުރުކޮށް ދީނާ ދެކޮޅު ކަންކަމަށް މަނާ ކުރާ މުއައްސަސާއެއް އުފެއްދުމާއި މަތީ ކޯސްތަކުގަ އިސްލާމީ މާއްދާއެއް ހިމެނުން ފަދަ ކަންކަން ތަންފީޒު ނުކުރެވޭކަން ޝެއިހު ފާހަގަ ކުރެއްވި އެވެ.

"މިކަންކަން އަދިވެސް ތަންފީޒު ނުކުރާތީ އެކަންކަމަށް ކަމާ ބެހޭ ފަރާތްތަކުން މިކަންކަން ތަންފީޒުކުރަން އިސްކަންދިނުމަށް އިލްތިމާސްކުރަން. ރާއްޖޭގެ ހުރިހާ ދީނީ އިލްމްވެރިންގެ ފަރާތުން އަޅުގަނޑު އެންމެހާ މުއާސަސާތަކަށް މި ކަންކަން ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގޮވާލަން،" ޝެއިހު ޒާހިރު ވިދާޅުވި އެވެ.

މިފަހަރުގެ މަހާސިންތާގެ ނިންމުންތަކާ ގުޅޭ ގޮތުން ޝެއިހް ވިދާޅުވީ، ދީނީ ގޮތުން ހައްދުފަހަނަ އަޅައިދިއުމާ ގުޅޭ ގޮތުން ތަފާތު އެކި މައުލޫތަކަށް ކަރުދާސް ހުށަހަޅައި އެ ކަރުދާސްތަކާ މެދު މަހާސިންތާގައި މަޝްވަރާކުރި ކަމަށެވެ. އެ މަޝްވަރާތަކުގެ އަލީގައި މައިގަނޑު 25 ނުކުތާއަކަށް އިލްމްވެރިން އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޝެއިހު ޒާހިރު ވިދާޅުވީ، ހައްދުފަހަނައަޅައިދާ ވާހަކައަށް ބަހުސް ކުރާއިރު، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަކީ، ނުވަތަ ދީނުގައި ސީދާ އޮންނަ ގޮތަށް ހެދުން އެޅުމަކީ ހައްދު ފަހަނައަޅައި ދިއުން ނޫން ކަމަށެވެ. އެހެންކަމުން މޫނުބުރުގާ އެޅުން ފަދަ ކަންކަމަކީ ހައްދުފަހަނައަޅައި ދިއުން ކަމަށް ނުބެލެވޭނެ ކަމަށާއި، ހައްދުފަހަނައަޅާއިދާނީ ދީނާ ހިލާފަށް ކަންކަން ކުރުމުން ކަމަށް ޝެއިހް ވިދާޅުވި އެވެ. މި މަހާސިންތާގައި އެކަމަށް ހުރިހާ އިލްމުވެރިންވެސް އިއްތިފާގު ވެފައިވާ ކަމަށް ޝެއިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭރު ދީންތަކުގެ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމުގެ މިންވަރާ ބެހޭ ގޮތުން ވެސް މަހާސިންތާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެވުނު ކަމަށެވެ. އެގޮތުން ދީނީ ތަފާތު ކުރުމެއް ނެތި އެއްވަރަކަށް ހިމާޔަތާ ރައްކާތެރިކަން ރާއްޖޭގައި ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނެ ކަމަށް މަހާސިންތާގައި ބައިވެރިވި އިލްމުވެރިން ވަނީ އެއްބަސްވެފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ދީނީ ގޮތުން މީހުން ހައްދުފަހަނައަޅައިދާ ސަބަބުތަކާ ބެހޭ ގޮތުން މަހާސިންތާގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކުގައި ފުލުހުންގެ އިދާރާއިން ވެސް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެ އެވެ. އަދި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާ ގުޅޭ ގޮތުން އެކި މައުލޫތަކަށް އަށް ދިރާސާ ކަރުދާސް ވަނީ ހުށަހަޅާފަ އެވެ.